މަޖިލީހުގެ ބައެއް ވަރުގަދަ މެމްބަރުންނަށް 19 ވަނަ މަޖިލިސް އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދަށެވެ.
ރާއްޖެޓީވީން މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީން ވަނީ ހޯދާފައެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ކަމަށްވާ 58 މެމްބަރުންނަށް ވުރެ ގިނަ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ.
ރާއްޖެޓީވީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އެމްޑީޕީން ވަނީ 62 ގޮނޑި ހޯދާފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެސްސީއަށް ލިބިފައި ވަނީ ފަސް ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް ލިބުނީ ހަތް ގޮނޑިއެވެ. އަދި އަދާލަތުން ދެ ގޮނޑި ހޯދާފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކާއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި 7 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
މި ނަތީޖާއަކީ ރާއްޖެޓީވީން ހޮނިހިރު ދުވަހުގެ ރޭ 10 ޖެހުމާ ހަމައަށް ލިބުނު ނަތީޖާތަކުން ނުކުތް އަދަދުތަކެވެ.