ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓުލާ ގަޑި ހަމަވާން 15 މިނެޓަށް ވެފައިވާއިރު، ވޯޓުލީ މީހުންގެ އަދަދު 75 އިންސައްތައަށް ވުރެ ގިނަ ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ހޮނިހިރު ދުވަހު އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮޮތުން، މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 264442 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 200464 މީހުން މިހާތަނަށް ވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 100673 ފިރިހެނުންނާއި، 99791 އަންހެނުން ކަމަށް ވެސް ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައި ވެއެވެ.
މި އަދަދު އިތުރުވަމުންދާއިރު، އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 ގައެވެ. އަދި ވޯޓްލުން ކުރިއަށް ދާނީ ހަވީރު 4:00 އަށް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ ހޮނިހިރު ދުވަހުގެ 18:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ.
އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީ ވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން ހެނދުނު 9:30 އިން ހަވީރު 5:30 އަށެވެ.