މަޖިލިސް އިންތިޚާބުގައި އަމާން މާހައުލެއް ގާއިމްކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި 500 އަށް ވުރެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ހަމީދު ވިދާޅުވީ ބްލޫ ޓައިޑްގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕްރޭޝަންގައި ފުލުހުންގެ ޓީމްތައް އެކުލަވާލެވި ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
ހަމީދު ވިދާޅުވީ މި އޮޕްރޭޝަންގެ މައިގަނޑު މަގުސަދަކީ އަމާން ރައްކާތެރި މާހައުލެއް މާލެ އާއި އަތޮޅުތަކުގައި ގާއިމްކުރުން ކަމަށެވެ.
''އެގޮތުން 500 އަށް ވުރެ ފުލުހުން މާލެއާ އޮތޮޅު ތެރޭގައި މި ރޮޕްރޭޝަންގެ ތެރެއިން ހަރަކާތްތެރިވަމުންދާނެ. ފުލުހުންނަކީ މި އިންތިޚާބަށް ޚާއްސަކޮށް އިންތިޚާބާ ބެހޭ ގަވާއިދާ އިންތިޚާބުތަކާ ބެހޭ ގާނޫނު އަހުލުވެރިކުރުވި އިލެކްޝަން ކޮމިޝަންގެ ފަރާތުންނާއި މި މުއައްސަސާ އިން ވަރަށް ގިނަ މައުލޫމާތު ދެވި އެކަމަށް ތައްޔާރުކުރުވިފަ'' ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ މި އޮޕްރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް 1200 އެއްހާ ފުލުހުން މާލެ އާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އުންމީދުކުރަނީ މި އިންތިޚާބު ނިމުމާ ހަމައަށް އަމާން މާހައުލެއްގައި އިންތިޚާބީ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.