ލޯކަލް ކައުންސިލްގެ އިންތިޚާބު އަންނަންވާއިރަށް ރައްޔިތުންނަށް ފަސޭހަވާނެ ވަރަށް ގިނަ ހެޔޮ ބަދަލުތައް އަންނާނެ ކަމަށް އިލެކްޝަން ކޮމިޝަންސް ( އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އީސީން ބޭއްވި ބައްދަލުވުމުގައި، ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ފަހު، ވޯޓިން އަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަޝްވަރާކުރަމުން ދާކަމަށެވެ.
ޝަރީފް ވިދާޅުވީ މިހާރު އޮންނަ ގޮތުން ވަކި އަދަދަކަށް ވުރެން މަދުން ދިވެހީން އުޅޭ ބައެއް ގައުމުތަކުގައި ވޯޓުފޮށި ނުބަހައްޓާ ކަމަށާއި ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓަނީ ކޮމިޝަނުން އިއުލާން ކުރާ ގައުމުތަކުގެ ތެރެއިން ވޯޓުލުމަށް 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގައި ކަމަށެވެ. އަދި އެގޮތަށް އެކަން އޮތުމުގެ ސަބަބުން ގިނަ ފަރާތްތަކަށް ވަރަށްބޮޑެތި އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ
ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ދިވެހީންނަށް ވަކި ލިމިޓެއް ނެތި ޕޯސްޓަލް ވޯޓިންގެ ޒަރިއްޔާއިން ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ އާލީ ވޯޓިން އަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އޭރުން ބައެއް ތަންތަނަށް ފޮނުވާ އޮފިޝަލުން، އާލީ ވޯޓިންގެ ތެރެއިން ވޯޓު ލައިގެން އެ ތަނަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިފަހަރު ވޯޓުފޮށި ބަހައްޓާފައިވަނީ އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާގެ އިތުރުން އިނގިރޭސިވިލާތުގަ އެވެ. މި ގައުމުތަކުގައި އަށް ވޯޓުފޮށި ބަހައްޓާފައިވާއިރު މިގައުމުތަކުގެ އިތުރުން ވެސް އޭޝިޔާގެ ގައުމުތަކާއި އޮސްޓްރޭލިއާ، ނިއުޒިލެންޑު ފަދަ ގައުމުތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭކަން ފާހަގަ ކޮށްލެވެއެވެ.