ކުރިއަށް އޮތް ދުވަސްވަރަކީ ޑެންގީ އާއި ޗިކަން ގުންޔާ އިތުރު ވެދާނެ ދުވަސްވަރެއް ކަމުން އެކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލު ވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ)ގެ ޕަބުލިކް ހެލްތު ޕްރޮގްރާމް އޮފިސަރ ސަނާ ވިދާޅުވީ ޑެންގީއާއި ޗިކަން ގުންޔާގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކޮށްފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރ އަދި ޑިސެމްބަރުމަހު މަހު ކަމުގައި ވިޔަސް މި ހިނގާ އެޕްރީލް މަހާއި އަދި ޖޫން ޖުލައި މަހަކީ ވެސް މި ދެބަލި އިތުރު ވެދާނެ ކަމަށް ލަފާކުރެވޭ ދުވަސްވަރެއް ކަމަށެވެ.
މި ދެ ބައްޔަކީ ވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމުން މަދިރި ކޮންޓްރޯލް ކުރަން އިސްކަން ދޭންޖެހޭ ކަމަށް ސަނާ ވިދާޅުވިއެވެ.
އެގޮތުން ފެންހަރުލާ ޒާތުގެ ތަކެތި ގެއާއި ގޯތި ތެރޭގައި ނުބެހެއްޓުމާއި އަމިއްލަ ނަފްސާއި އުޅޭ މާހައުލުގެ ސާފްތާހިރުކަމަށް ސަމާލުކަން ދޭޏްޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އަދިވެސް ގިނަ ރައްތަކަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ނެތް ރަށްރަށް ކަމުން މި ފަދަ ރަށްރަށުގައި ކުނި އުކާލަމުން ދަނީ ކުނި ގޮނޑު ތަކަށެވެ. އެހެން ކަމުން ކުނި ގޮނޑުތައް ސާފްކޮށް އެތަންތަނުގައި ވެސް މަދިރި ނުއުފެދޭނެ ގޮތްތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ސަނާ ވިދާޅުވިއެވެ.
މާލެއަކީ ގިނަ އަދަދަކަށް ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ކުރާ ތަނަކަށް ވުމާއި އެކު ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު ކޮންސްޓަރަކްޝަން ސައިޓްތަކުގައި މަދިރި އުފެދޭ މިންވަރު އިތުރު ކުރެވިފައި ވާކަން ފާހަގަ ކުރެވިފައި ވާކަން ސަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ސަނާ ވިދާޅުވީ އަތޮޅުތަކުން މި ދެބަލީގެ ރިޕޯޓް އެންމެ ގިނައިން ލިބިފައިވަނީ ހއ. ރ. އދ. ލ. އަދި ގދ. އަތޮޅުން ކަމަށާއި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަތޮޅު ތަކުން ޑެންގީގެ 909 ކޭސް ރިޕޯޓް ކޮށްފައި ވާކަމަށެވެ. މާލެ ސަރަހައްދުން 394 ކޭސް ރިޕޯޓް ކޮށްފައި ވާއިރު މުޅި ރާއްޖެއިން ޗިކަން ގުންޔާގެ 421 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ސަނާ ވިދާޅުވިއެވެ