މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ބާތިލު ވޯޓު އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ހުކުރު ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، ރަނގަޅު ފާހަގަ ފިޔަވާ އިތުރު ކުރެހުން ކުރަހާފައިވާ ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ބަލައިގަތުމަށް އިންތިހާބާ ބެހޭ ގާނޫނަށް ގެނައިސްފައިވާ އިސްލާހަށް ސަމާލުވުމަށް ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ ކަމަށާއި، ނޫން ނަމަ ވޯޓުން ނެރެން ބޭނުންވާ އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވިދާނެ ކަމަށެވެ.
"ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކު ބޭނުންވާ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ފިޔަވާ އެއްވެސް އިތުރު އެއްޗެއް ނުޖެއްސެވުމަށް ހަނދުމަކޮށް އަރުވާށޭ. އެހެން ނޫނީ ފަހަރެއްގައި ތިބޭފުޅުން ލާ ވޯޓު ދެން ބޭނުންވާ ނަތީޖާ ނޫން އެހެން ނަތީޖާއެއް ނުކުތުމަކީ ހަމަ އެކަށީގެންވާ ކަމެއް،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ، އިންތިހާބާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވޯޓު ކަރުދާސް ވެސް ފޮނުވާފައިވާ ކަމަށެވެ.
"މިހާރު އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިފަ މިވަނީ. އަތޮޅު ތެރެއަށާއި ރިޒޯރޓްތަކަށް ފޮނުވަންޖެހޭ ހުރިހާ އެއްޗެއްސެއް، މިހާރު ވެސް ހަމަ ރިޒޯރޓްތަކަށް ފޮނުވަންޖެހޭ އެއްޗެހިތައް ލޯޑުކޮށް ނިމިފައި މި ވަނީ. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވޯޓު ކަރުދާހާއި އަދި ވޯޓު ފޮއްޓަށް ބޭނުންވާ އެހެނިހެން ސާމާނު މިހާރު މިވަނީ ފޮނުވިފަ. ދެން އަޅުގަނޑުމެން މާލޭގެ ފޮށިތަކަށް އިރާދުކުރެއްވިއްޔާ މާދަމާ ފަތިހު ޑިސްޕެޗް ކުރަން ފަށާނަން، އަޅުގަނޑުމެން މިހާރު ވާނީ އަޅުގަނޑުމެންގެ ޑިސްޕެޗް ސެންޓަރުތައް ދަރުބާރުގެއަށް، ވޯޓުލުމަށް ބޭނުންވާ ހުރިހާ ސާމާނު ޖަމާކޮށް ނިންމާފަ،" އަކްރަމް ވިދާޅުވިއެވެ.
އޭގެ އިތުރުން، ހުކުރު ދުވަހު ހަވީރު 18:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު މަޖިލިސް އިންތިހާބުގެ ކެމްޕެއިނާ ގުޅޭ އެއްވެސް ހަރަކާތެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު، އެކަމަށް ސަމާލުވުމަށް ވެސް އަކްރަމް އެދިވަޑައިގެންނެވިއެވެ.
މިފަހަރުގެ އިންތިހާބު ވީހާ ވެސް އަމާންކަމާ އެކު ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ބޮޑެތި ތައްޔާރީތަކެއް ވަނީ ވެފައެވެ. އެގޮތުން ކިއޫގައި ވީހާ ވެސް މަދު ވަގުތު މަޑުކުރަން ޖެހޭ ގޮތް ހެދުމަށްޓަކައި އެއްވެސް ވޯޓު ފޮއްޓެއްގައި 1000 އަށް ވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ނުވާނެ ކަމަށާއި، ވޯޓުލުން ކުރިއަށްދާ ވަގުތު ބޭނުންކުރާ ޓެބްލެޓަކަށް ނެޓްވޯރކް މައްސަލައެއް ދިމާވި ނަމަވެސް އޮފްލައިންކޮށް ވޯޓުލުން ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ވޯޓުލުމަށް އަރަންޖެހޭ ކިއޫ ނޭނގުމުގެ ސަބަބުން ދިމާވާ މައްސަލަތައް މަދު ކުރުމަށްޓަކައި މިފަހަރު "ގްރައުންޑް މެނޭޖަރސް" ގެ ނަމުގައި ވޯޓުލާން ދާ ފަރާތްތަކަށް ކިއޫ ހޯދައި ދިނުމުގައި އެހީތެރިވެދޭނެ ބަޔަކު ހަމަޖައްސާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.