މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގދ. ގައްދޫގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަނުން އެހެން ތަނަކަށް ބަދަލު ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގދ. ގައްދޫ ވޮޓުފޮށި ބެހެއްޓުމަށް ކުރިން ހަމަޖެހިފައިވާ ތަނަކީ ހަނަފަސް އަދި ހޫނުގަދަ ތަނަކަށް ވާތީ، އެތަނަށް ވޯޓުލާން ގޮސް ކިޔުގައި ތިބުމަކީ ރައްޔިތުންނަށް އުނދަނގޫވާނެ ކަމަކަށް ވާތީ، ވޯޓުފޮށިތައް ބަހައްޓާ ތަން ބަދަލުކޮށްފައިވާ ކަމަށެވެ.
ގައްދޫ ގައި ތިން ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އެ ތިން ފޮށިވެސް ބަހައްޓަނީ ގދ. އަތޮޅު މަދަރުސާގެ ބާ އިމާރާތުގައެވެ.
މަދަރުސާގައި ވޯޓު ފޮށިތައް ހުންނާނީ، މަދަރުސާގެ ބާ އިމާރާތުގެ ހޯލުގެ ދެކުނުފަރާތާއި، ހޯލުގެ އުތުރުފަރާތުގެ އިތުރުން ސުޕަވައިޒަރސް ރޫމާއި ޖެހިގެން ހުންނަ ކްލާސް ރޫމްގައި ކަމަށް އީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ، ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.
ގައްދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގައްދޫގެ އިތުރުން ވާދޫއެވެ. އެ ދާއިރާ އަށް ތިން ކެންޑިޑޭޓަކު ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 3310 މީހުންނެވެ.
މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.