ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭއިރު ހިންނަވަރުގެ ގޮނޑި ހިމެނިގެން ދިޔުމަކީ ކޮންމެހެން ބޭނުންވެވަޑައިގަންނަވާކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ޖީހާން މަހްމޫދުގެ ކެމްޕޭން ޖަލްސާއަށް ހިންނަވަރަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ކެމްޕޭން ހަރަކާތްތަކުގައި ބުރަކޮށް އުޅުއްވަމުން ވެސް، އެމަނިކުފާނު ނިންމެވީ ހިންނަވަރުން ކެމްޕޭން ހަރަކާތްތައް ނިންމަވާލެއްވުމަށް ކަމަށެވެ.
ވޯޓާ މެދު ގޮތެއް ނިންމާއިރު ހިންނަވަރުގެ ރައްޔިތުން ވަކިން ހާއްސަކޮށް ވިސްނަންޖެހޭ ކަމަށާއި މި ދާއިރާއިން ކޮރަޕްޝަނާއި އަނިޔާވެރިކަމަށް އާއެކޭ ބުނެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިންނަވަރުގެ ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރުން ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ.
އޭރު އޮތް ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަން އެއީ ޤަބޫލު ނުކުރާނެ ކަމެއް ކަމަށް ގިނަ ރައްޔިތުންތަކެއް ބުނަމުންދިޔަ ކަމަށާއި އެކަމުގައި ހިމެނޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ހިންނަވަރު ދާއިރާއަށް ކުރިމަތިލާފައިވާ އަނެއް ކެންޑިޑޭޓްގެ އަތެއް އެ ވައްކަމާއި ކޮރަޕްޝަނުގައިވާކަން ކެރި ހުރެ، ދަންނަވަން ކެރޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޖީހާން ހޮވިއްޖެނަމަ އެންމެހާ ރައްޔިތުން ފަހުރުވެރިވާވަރުގެ މަސައްކަތެއް ކުރާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ. ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކަށް ތާއީދު ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވަރަށް ފުރިހަމައަށް އެނގިވަޑައިގަންނަވާ ކަމަށާއި ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް އޮފީސް މޭޒު ދޮށުގައި އިންނަވައިގެން ކުރަން ވެއްޖެއްޔާ ދެން ކުރައްވާނެ އިތުރު މަސައްކަތްތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިންނަވަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެވި ބަނދަރު އަޕްގްރޭޓް ކުރެވިގެންދާނެ ކަމަށާއި އެކަންތައްތަކަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އިހުމާލުވެވަޑައިގަންނަވާނެ ކަންތައްތައް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މާދަމާގެ ވޯޓާއި މެދު ސަމާލުވުމަށާއި މާދަމާ ނިންމޭ ގޮތަކުން ރައްޔިތުންގެ މިސްރާބު ހިންގަންވީ ދިމާ އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.