ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދު އޭނާގެ ބަރުދަން ލުއިކުރުމަށް ކުރަންޖެހޭ އޮޕަރޭޝަނަކަށް މިހާރު ހުރީ އިންޑިއާގައެވެ.
އިންޑިއާގައި އޭނާއަށް އެކި ފަރާތްތަކުން ދަނީ ގިނަގުނަ އެހީތަކެއް ވަމުންނެވެ. އެގޮތުން އޭނާއަށް ފައިސާގެ އެހީވި އެކަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ އަންހެނުން އަދި އެކްޓާ ރިތިކް ރޯޝަންގެ މަންމަ ޕިންކީ އެވެ.
ޕިންކީ ވަނީ އީމާން އަށް 10 ލައްކަ ރުޕީސް ހަދިޔާކޮށްފައެވެ. އަދި އޭނާ މިކަން ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ.
އީމާން އަށް ފައިސާގެ އެހީއެއް ވެދިންކަން އޭނާ ފިރިމީހާ އަށް ވެސް ނާންގައެވެ. ރާކޭޝް ރޯޝަން އަށް އެކަން އިނގުނީ ވެސް ނޫސްވެރިން ވާހަކަ ދެއްކުމުން ކަމަށް އޭނާ ބުންޏެވެ. ރާކޭޝް ބުނީ ނޫސްވެރިންގެ ފަރާތުން އެފަދަ ވާހަކައެއް އަޑުއިވިގެން އަންހެނުންނަށް ގުޅުމުން އެއީ ތެދެއްކަމަށް ބުނި ކަމަށެވެ.
ރާކޭޝް ހުރީ އޭނާގެ އަންހެނުން ކުރި މި ދީލަތި އެހީއާ މެދު ވަރަށް ފަޚުރުވެރި ވެފައެވެ. އޭނާ ބުނީ އެންމެ އުފާވަނީ އެކަން ފާޅުކަން ބޮޑުގޮތެއްގައި އޭނާ ކޮށްފައި ނުވާތީކަމަށެވެ. ރާކޭޝްގެ އަންހެނުން އީމާނަށް އެހީއެއް ވެދިންކަން ނޫސްވެރިންނަށް އެނގިފައިވަނީ އީމާނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ކަމަށްވެއެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ މުމްބާއިގެ ސައިފީ ހޮސްޕިޓަލުންނެވެ.
ދުނިޔޭގެ އެންމެ ފަލަ މީހާ އިންޑިއާއަށް ބަރުދަން ލުއިކުރަން ދިޔައީ މި މަހުގެ ކުރީކޮޅުގައެވެ. ބުނެވޭ ގޮތުގައި މިއީ އޭނާ ފާއިތުވި 25 އަހަރު ތެރޭގައި ގެއިން ބޭރަށް ނިކުތް ފުރަތަމަ ފަހަރެވެ.