ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒު ކުރުމަށް ފުލުހުން ހޯދި ދެ ވަނަ އަމުރު ވެސް ކޯޓުން ބާތިލް ކޮށްފިއެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަކުރިކަމުގެ ދައުވާ އުފުލާފައިވާއިރު، އެ މަނިކުފާނުގެ އެކައުންޓައް ފުރީޒު ކުރުމަށް ފުލުހުން ކްރިމިނަލް ކޯޓްގައި އެދުމުން ފުރަތަމަ އަމުރު ދީފައިވަނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.
އެ އަމުރު ހައިކޯޓުން ބާތިލްކުރުމުގެ ކުރިން ފުލުހުން ވަނީ އެކައުންޓްތައް ހިފެހެއްޓުމަށް ދެ ވަނަ އަމުރެއް ހޯދައިފަ އެވެ. ފުލުހުން ހޯދި އެ އަމުރުގެ މުއްދަތު ހަމަވާނީ ޖޫން މަހު އެވެ.
ޔާމީންގެ އެކައުންޓައް ފްރީޒްކުރަން ކޯޓުން ނެރުނު ފުރަތަމަ އަމުރު މާޗް 31 ވަނަ ދުވަހު ހައި ކޯޓުން ބާތިލްކޮށްފައި ވާއިރު، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ދެ ވަނަ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރީ މިދިޔަ ހަފުތާގެ ފަހުކޮޅު އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ރަސްމީ ބަހެއް، އަދި ކްރިމިނަލް ކޯޓުގެ ބަހެއް ނުލިބެ އެވެ.
ފްރީޒްކުރި ކުރި ރައީސް ޔާމީންގެ އަށް އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ފައިސާ ހިފަހައްޓާފައި ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިންކުރަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެކައުންޓްތައް ދޫކޮށްލި ނަމަވެސް، އެއްވެސް އެ އެކައުންޓްތަކުން މިހާތަނަށް މުއާމަލާތެއް ކޮށްފައިނުވާކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން، މިކަމާއި ގުޅުން ހުރި ފައިސާ ނުހިފައްޓައިފިނަމަ، އެފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުޞަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީއާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެ ކަމުގެ ފުރުޞަތު އޮތްކަމަށް ތަޙްޤީޤަށް ފެންނާތީ އެކަމަށް ދައުލަތުން އެދުމުންނެވެ.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އެކައުންޓްގައި ހުރީ ހިޔާނާތުގެ ފައިސާ ނޫން ކަމަށެވެ.