ލ. ފޮނަދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ގާނޫނީ ވަކީލު މޫސާ ސިރާޖުގެ ކެމްޕެއިން ޖަގަހައިގައި ރޯކޮށްލައިފިއެވެ.
ފަންގި ބޭނުންކޮށްގެން ފޮނަދޫގައި ހަދާފައިވާ "ޖަޒީރާ ޖަގަހަ"ގައި ރޯކޮށްލާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 ޖެހިފަހުންނެވެ. އެ ޖަގަހައިގައި ރޯކޮށްލި އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން ވަނީ ނިއްވާލާފައެވެ.
ސިރާޖު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަގަހައިގައި ބަޔަކު ރޯކޮށްލާފައި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެ ރަށަށް ވަޑައިގަންނަވާތީ، މަޚްލޫފަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުންނާ އެކު އެއާޕޯޓަށް ވަޑައިގެންނެވި ވަގުތު ކަމަށެވެ. ޖަގަހައިގައި އަލިފާން ރޯކޮށްލާފައި ހުއްޓާ ބަޔަކަށް ފެނިގެން، އަލިފާން ނިއްވާލާފައިވާ ކަމަށާއި ޖަގަހައިގައި ހުރި ތަކެތި އަނދައިގެން ދިއުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނުކަމަށް ސިރާޖު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް، އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންގެ ޖަގަހަތަކަށް ބަޔަކު ދަނީ ހަމަލާ ދެމުންނެވެ. އަދި ބައެއް ކެނޑިޑޭޓުންނަށް އިންޒާރު ދީ ކެމްޕެއިންނަށް ދަނީ ހުރަސް އަޅަމުންނެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު އިލްތިމާސް ކުރައްވާފައި ވަނީ ޖަގަހަތަކަށް ހަމަލާ ދެނީ ކޮން ބައެއްކަން އެނގުނަސް އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި ސަޕޯޓަރަކު ވިޔަސް އެ ބަޔަކަށް ރައްދު ނުދިނުމަށެވެ. އެފަދަ ހާލަތްތަކުގައި ކެތްތެރިވެ، ހިތްވަރުގަދަ ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.