ލަންދޫގައި ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ތަރައްގީ ކުރަން ޖޭހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު ވިދާޅުވެއްޖެއެވެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖީލީހަށް އެމްޑީޕީގެ ޓިކެޓްގައި މަނަދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ހާރޫނުގެ ކެމްޕެއިން ޖަލްސާގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަންދޫގައި ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ތަރައްގީ ކުރަން ޖޭހޭ ކަމަށެވެ.
ލޯކަލް ޓުއަރިޒަމް ލަންދުއަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ލޯކަލް ޓުއަރިޒަމަށް ބޭނުންވާނެ އާސާރީ ތަންތަން ހުރި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް އެމަނިކުފާނުން ވިދާޅުވިއެވެ.
"ލޯކަލް ޓުއަރިޒަމް ފުޅާކޮށް އެކި ސަރަހައްދުތަކަށް ގެންދަން ޖެހޭ. ލަންދުއަކީ ލޯކަލް ޓުވަރިޒަމް ފުޅާ ކުރެވޭނެ ފަދަ ތަނެއް. އެ ގޮތުން އެރަށުގައި އޮތް "މާބަދިގެ" ކިޔާ ސަރަހައްދު އެއީ އާސަރީ ތަނެއް. މިހާތަނަށް އެންމެ ދުވަސްވީ ލިޔުން ފެނިފައިވަނީ އެރަށުން. އެއީ ދިވެސް އަކުރާއި އެވޭލާ އަކުރުގެ ވެސް ލިއުމެއް،"
މީގެ އިތުރުން ލަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތްތައް ވެސް ޕްލޭން ކުރެވިގެންދާނެ ކަމަށާއި އަދި ރަށުގެ ނަރުދަމާގެ މަސައްކަތް ނިމޭއިރު ފެނުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނީ ފުޓްބޯޅަ ދަނޑެއް ވެސް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.