ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ތައްޔާރީތައް އިލެކްޝަންސް ކަމިޝަން(އީސީ)އިން ނިންމާލައިފިއެވެ.
އެކަމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލީސް އިންތިޚާބުގެ ހުރިހާ އިދާރީ ތައްޔާރީތައް އެކަމިޝަނުން ނިންމާލާފައިވާ ކަމަށެވެ.
" އިންތިޚާބުގެ ހުރިހާކަމެއް އަލްހަމްދުލިއްﷲ ނިމިއްޖެ. ހަމައެކަނި ބާކީ އޮންނާނީ ވޯޓުލުމުގެ މަރުހަލާއާއި ވޯޓު ގުނުމުގެ މަރުހަލާއާއި ނަތީޖާ އިއުލާން ކުރުމުގެ މަރުހަލާ" ޝަރީފް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އީސީއިން ބުނީ އިންތިޚާބު ބާއްވާނީ ރާއްޖެ ގަޑިން އެދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާހަމައަށް ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ވޯޓުލާ ގަޑިތައް:
އިންޑިއާ ގަޑިން : ހެނދުނު 08:30 އިން ހަވީރު 4:30 އަށް
ސްރީލަންކާ ގަޑިން : ހެނދުނު 08:30 އިން ހަވީރު 4:30 އަށް
މެލޭޝިއާ ގަޑިން: ހެނުދު11:00 އިން ރޭގަނޑު 7:00 އަށް
އިނގިރޭސިވިލާތުގެ ގަޑިން: ހެނދުނު 09:30 އިން ހަވީރު 5:00 އަށް.
އީސީއިން ނިންމާފައިވަނީ ވަކިވަކި ފޮށީގެ ނަތީޖާ އިއުލާން ނުކުރި ކަމުގައި ވިއަސް އެ ކަމިޝަނުން ކަނޑައަޅާ ވެބްސައިޓަކުން އޮންލައިންކޮށް ނަތީޖާ ފެންނާނެ ގޮތަށެވެ. ވަކިވަކި ވޯޓް ފޮށިތަކުގެ ނަތީޖާ އިއުލާންކުރާ ވެބްސައިޓަކީ results.election.gov.mv ކަމަށެވެ.
ޝަރީފް ވިދާޅުވީ ގާނޫނުގައި ބުނާގޮތުގެ މަތިން ވޯޓު ފޮށި ބަހައްޓާފައި ހުންނަ ތަނުގައި ވަގުތީ ނަތީޖާ އާންމުންނަށް ފެންނަ ތަނެއްގައި ތަތްކުރާނެ ކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި އީސީއިން 501 ވޯޓު ފޮށި ބަހައްޓާއިރު އެ ފޮށިތަކުގައި 8631 ނަތީޖާ ޝީޓު ވެބްސައިޓަށް އަޕްލޯޑު ކުރާނެއެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.