އިންތިހާބަށް ވަގުތު ކުޑަތަން ވެއްޖެއެވެ. މިހާރު ފެންނަނީ ޕާޓީތަކުގެ ފަހު ބަސް ބުނާތަނެވެ. ވެފައިވާ ވައުދުތައް ރައްޔިތުންނަށް ހަނދާން ކޮށްދެމުން ގެންދާތަނެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕާޓީތަކުން ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އެމްޑީޕީއަށް ވުރެ ބޮޑަށް ކެމްޕެއިންގެ އިންތިޒާމްތަކާ، ހަރަކާތްތައް ރަގަޅު ކުރަން މަސައްކަތްކުރާ ޕާޓީއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ފާއިތުވެގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުމުން އެޕާޓީއަށް އަދި އެޕާޓީގެ ވެރިކަމުގައި އޮތް އިރު ކަންހިނގާދިޔަ އެންމެނަށް އެނގެއެވެ. ސަރުކާރެއް ހިންގުމާ ހަވާލުވެ ތިބޭ ބަޔަކަށް މަޖިލީހުގެ ޢަޢުލަބިއްޔަތު މުހިންމުވާނެއެވެ.
ނެތުމުން އުޅެން ޖެހުނު ހާލު އެ ޕާޓީއަށް ވުރެ ރަނގަޅަށް އެގޭ ބަޔަކު ތިބޭނެ ކަމާއި މެދު ޝައްކެތް ނެތެވެ. 2009 ވަނަ އަހަރު އޮތް މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ މެންބަރުން ނިކުމެ ވާދަކުރި އިރު އެޕާޓީ އޮތީ ވެރިކަމުގައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން އެ ޕާޓީ މިއަދު އެވަނީ އެނބުރި ވެރިކަމަށް އައިސްފައެވެ. އެތައް އަހަރު ތަކެއް ވަންދެން އެޕާޓީގެ މެމްބަރުންނަށް އަނިޔާ ލިބިއްޖެއެވެ. ސިޔާސީ ކަންކަމުގައި އުޅުނު އެތައް ދިވެހިންނެއް ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި މީގެ ކުރިން ތިބެންޖެހުނެވެ. މަޖިލީސް އިންތިހާބު ކެމްޕެއިން އެމްޑީޕީން ފެށީ ވަރަށް ފޯރިއާއެކު އެޖެންޑާއެއް އޮވެގެންނެވެ.
ޕާޓީގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ފަހުއެވެ. ޕްރައިމަރީ ގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހި ވަޑައިގަތް ގިނަ ކެންޑިޑޭޓުން ޕްރައިމަރީގައި މޮޅުވި ކެންޑިޑޭޓުން ފަހަތަށް އެރިއެވެ.
އެމްޑީޕީން މި ފަހަރު މަޖިލީހުގެ ކެމްޕޭން ފެށީ ''އެޖެންޑާ 19''ގެ ނަމުގައެވެ. އެއީ އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ގާނޫނީ އޮނިގަނޑެވެ. އެއީ އެ ޕާޓީން ދޮރަށް ދޮރަށް ހިނގާ ރައްޔިތުންގެ ހިޔާލުތައް އަޑުއެހުމަށް ފަހު ދިރާސާކޮށްގެން ހަދާފައިވާ އޮނިގަނޑެކެވެ. ފެނާއި ކަރަންޓު އަގުހެޔޮކުރުމާއި، މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުމަކީ ހައްތަހާވެސް އެޖެންޑާ 19 ގައި ހިމެނޭ ކަންތައްތަކެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންތައްތަކެވެ.