އައްޑޫ ސިޓީސްކުއަރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް ފަށައިފިއެވެ. ސިޓީ ސްކުއެރ ސަރަޙައްދުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.
ސިޓީ ސްކުއަރ ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ސިޓީ ސްކުއަރ ތަރައްޤީ ކުރުމުގެ މިމަޝްރޫޢުއަކީ ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރައްވަން ހުރި ކަންކަމުގެ ފެށުން ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެހެނިހެން ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ކަމަށެވެ.
ކައުންސިލުން ބުނީ ސިޓީ ސްކުއެރ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރެވޭ މަސައްކަތަކީ ސިޓީ ސްކުއެރ ގެ ބޮޑު ދިދަ އަލުން ނެގުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ވެސް ވަނީ ފެށިފައި ކަމަށެވެ. މި މަސައްކަތް ނިމުނުހާ އަވަހަކަށް ވަރަށް ޚާއްސަ ރަސްމިއްޔާތަކާއެކު ކޯއްޓޭއަށް ދިދަ ނެގޭނެ ކަމަށާއި، ދިވެހި ޤައުމީ ދިދަ އައްޑޫގެ ޖައްވުން ވިހުރެވޭ އުފާވެރި މަންޒަރު އަލުން ފެނިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ މިތަން ތަރައްޤީކޮށް ނިމޭއިރު މިތަން ވެގެންދާނީ ކުދި ބޮޑު އެންމެންނަށް ހިތްފަސޭހެކަމާއެކު އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭ ފަދަ ހިތްގައިމު މާހައުލަކަށް ކަމަށާއި، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ހިތްހަމަޖައްސާލެވޭ ފަދަ އާންމު މައިދާނަކަށް ކަމަށެވެ.
އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ޖެހިގެން އައްޑޫ ސްޓޭޓް ހައުސް ކުރިމަތިން އޮތް ބިމުގައި ސިޓީ ސްކުއަރ ފުރަތަމަ ހަދާފައިވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާއި ގުޅުވައިގެން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ސިޓީ ސްކުއަރ ހެދުމަށް ފަހު އެއަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާފައިވެއެވެ. ނަމަވެސް ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އެތަނާމެދު އަޅާނުލާ އެތަންވަނީ ވީރާނާވާން ދޫކޮށްލާފައެވެ.
ސިޓީ ސްކުއެރ ތަރައްޤީކޮށް އައްޑޫގެ ތަރައްޤީއަށް އަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް "އެޖެންޑާ 19 އައްޑޫ ސިޓީ"ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އަށެއް މާރޗްގައި އައްޑޫސިޓީއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީ ތަރައްގީގެ ބިޔަ ބޮޑު 5.3 ބިލިޔަން ރުފިޔާގެ މަޝްރޫއުގައި ހިމެނޭ ކަންތައްތައް އިއުލާން ކުރައްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެކުލަވާލާފައިވާ ބިޔަ ބޮޑު މަޝްރޫއަކީ ފަސް އަހަރަށް ދިގު ދެމިގެންދާނެ ބިޔަ ބޮޑު މަޝްރޫއެއް ކަމަށެވެ. އޭގެ ތެރޭގައި މަގު ހެދުމާއި، މަސް ބަނދަރު ހެދުމާއި،ކަރަންޓް ކެނޑޭ މައްސަލައަށް ހައްލު ހޯދުމާއި ސްވިމިން ޕޫލެއް އެޅުމާއި،ސްޓޭޑިއަމެއް އެޅުން ހިމެނެއެވެ.