19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކަށް ތާއީދު ހޯދުމުގެ ގޮތުން ބާއްވާ އެންމެ ފަހު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅުގައި އޮންނާނެއެވެ.
މި މަހުގެ 6 ވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ވަނީ މާލެއާއި އަތޮޅުތަކުގައި ގިނަ ކެމްޕެއިން ޖަލްސާތަކަކާއި އެކިކަހަލަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އަދި މިހަރަކާތްތަކުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަމަދު ނަޝީދާއި އެމްޑީޕީގެ އިސްސަފުގައި ހަރާކާތްތެރިވާ ގިނަބަޔު ވަނީ ބައިވެރި ވެފައެވެ.
މީގެ އިތުރުން ވެސް ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި މިސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ވެސް ދަނީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ
މިފަހަރުގެ މަޖިލީސް އިންތިޚާބަށް އެމްޑީޕީން 85 ދާއިރާއަށް ކުރިމަތިލާފައިވާއިރު އެޕާޓީގެ ކެނޑިޑޭޓުން ވާދަ ނުކުރަނީ އެންމެ ދާއިރާއަކަށެވެ. އެއީ ފ. ނިލަންދޫ ދާއިރާއެވެ. އަދި އެއް މެންބަރެއްގެ ނަންވަނީ އަނބުރާ ގެންގޮސްފައެވެ.
މަޖިލީސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 501 ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އިންތިޚާބުގައި 87 ދާއިރާ އަށް ވާދަކުރަނީ 395 ކެންޑިޑޭޓުންނެވެ.
މިފަހަރުގެ މަޖިލީސް އިންތިޚާބަށް ޕްރިންޓް ކުރީ 2،67159 (ދެލައްކަ ފަސްދޮޅަސް ހަތްހާސް އެއްސަތޭކަ ފަންސާސް ނުވަ) ކަރުދާސްކޮޅު ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފައިވެއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މަޖިލީހަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓުންގެ އިތުރުން އެޕާޓީގެ ގިނަ މެންބަރުން ވެސް މިޖަލްސާގައި ބައިވެރިވާނެ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.