ހުޅުމާލެ ދެވަނަ ފިޔަވަހި ނިމި އަންނަ އަހަރު އެތަނުގައި މީހުންނަށް ދިރި އުޅެން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ އިފްތިތާހް ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަކީ، އެމްޑަބްލިއުއެސްސީ އިން މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރުއޫ ކަމަށެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ ދައުލަތުގެ ބަޖެޓަށް އިތުރު ތަކްލީފެއް އުފުލަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއަށް ތަކެތި ގަތުމަށް ހަރަދު ކޮށްފައި ވަނީ ޖަޕާނުގެ ހިޓާޗީ ކެޕިޓަލް ކުންފުނީގެ ފަރާތުންނެވެ. އަދި މަޝްރޫއުގެ މަސައްކަތައް ހަރަދު ކުރަނީ އެމްޑަބްލިއުއެސްސީންއެވެ.
'' ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ 160،000 މީހުންގެ އާބާދީ އަކަށް އަމާޒު ކޮށްގެން ތަރައްގީ ކުރާ އަވަށެއް. އެ މީހުން ދިރިއުޅުމަށް މި އަވަށުގައި ގާތް ގަނޑަކަށް 26،500 ގޭބިސީ ހުންނާނެ. އެހެންވީމާ މި ތަނުގައި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު އަކީ އެމްޑަބްލިއުއެސްސީ އިން މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު އަށް ވާނެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި އެންމެ ތަދު އެއްޗަކީ ސާފު ބޯފެން ލިބުން ކަމަށާއި، ރައްޔިތުންނަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކަމަށެވެ.
އިންސާނުންގެ ދިރި ތިބުމާއި ސީދާ ގުޅިފައިވާ ކަންތައް ތަކުގެ ތެރެއިން އެންމެ ނާޒުކު އެއް މައްސަލަ އަކީ ސާފު ބޯފެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބިމު އަޑިން ފެން ނަގާ މިންވަރު އިތުރުވުމުން ގިނަ ރަށްރަށުގެ ފެން ފަށަލަ ތުނިވެފައިވާ ކަމަށާއި، މިހާރު ރަށްރަށުގައި ހުރި ސާފު ފެން ވެސް ހުރީ މޫސުމީ ބަދަލުގެ ތެރެއިން ތަޢައްޔަރު ވެފައި ކަމަށެވެ.
'' އަދި ކުރި މަގުގައި މި މައްސަލަ ދާނީ ގޯސްވަމުން. އަޅުގަނޑުމެން ތިމާވެށީގެ ހިމާޔަތައް އިސްކަން ދޭއިރު ބޯފެން އުފެއްދުމުގައި މިހާރު ވެސް މި ބޭނުން ކުރަނީ، ޑީސެލުން ހިންގާ އިންޖީނުތައް. އޭގެ ބަދަލުގައި ބޯފެން އުފެއްދުމުގައި ވެސް އިޔާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުމާއި މެދު ވިސްނަންވެއްޖެ'' އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ވާރެފެން ރައްކާ ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ބޭނުން ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.
ގިނަ ރަށްރަށުގެ މީހުންނަށް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ލިބެން ނެތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން މި ވެރިކަމުގެ ފަސް އަހަރު ތެރޭގައި، އާބާދީގެ ކުޑަ ބޮޑު މިނަށް ބެލުމެއް ނެތި އެއް އުސޫލަކުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ގާއިމް ކުރެވިގެން ދާނެ ކަމަށެވެ.