އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ކަމަށްވާ ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކްލް އިންސްޓަގްރާމްގެ ފޮލޯވަރުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.
ސަސެކްސްރޯޔަލްގެ ނަމުގައި ހުޅުވާފައިވާ އެދެބޭފުޅުންގެ އިންސްޓަގްރާމް އެކައުންޓް ހުޅުވާފައިވަނީ އަންގާރަ ދުވަހުއެވެ.
އެ އެކައުންޓް ހުޅުވުމުގެ ހަ ގަޑިއިރުގެ ތެރޭގައި ވަނީ އެއް މިލިއަން ފޮލޯވަރުން އެ އެކައުންޓް ފޮލޯ ކޮށްފައެވެ. ދުނިޔޭގެ ގިނެސް ވޯލްޑް ރެކޯޑަށް އެ އިންސްޓަގްރާމް އެކައުންޓް ވަނީ އަރާފައެވެ.
ސަސެކްސްރޯޔަލް އިންސްޓަގްރާމް އެކައުންޓުގައި މިހާތަނަށް ލާފައިވަނީ ދެ ފޮޓޯއެވެ. ފުރަތަމަ ފޮޓޯ ބުދަ ދުވަހު ލާފައިވާއިރު އެ ފޮޓޯއަށް ވަނީ 1.1 މިލިއަން އެކައުންޓުން ލައިކް ދީފައެވެ.
ހެރީއާއި މޭގަން އިންސްޓަގްރާމް އެކައުންޓެއް ހުޅުވާފައިވާއިރު އެދެބޭފުޅުންގެ އަލަތު ދަރިފުޅު މިމަހުގެ ތެރޭގައި ލިބިލައްވާނެއެވެ.
މީގެ ކުރިން އެއް މިލިއަން ފޮލޯވަރުންގެ ރެކޯޑް އޮތީ ސައުތު ކޮރެއާގެ ލަވަކިޔުންތެރިއެއްކަމަށްވާ ކެންގް ޑެނިއެލް އަތުގައެވެ. އެކަމަކު އޭނާއަށް އެއް މިލިއަން ފޮލޯވަރުން ހަމަކުރެވުނީ އިންސްޓަގްރާމް އެކައުންޓް ހުޅުވިތާ 11 ގަޑިއިރާއި 36 މިނެޓުންނެވެ.
މޭގަން އާއި ކާކްލް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މޭގަން ވަނީ ހެރީއާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން އޭނާ ކުރިން ގެންގުޅުއްވި ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތަކެއް ޑިލީޓް ކުރައްވާފައެވެ. އަދި އޭނާ ކުރިން ފެނިގެންދިޔަ ޓީވީ ޑްރާމާ"ސުއިޓްސް" ކުޅުން ވެސް ހުއްޓާލާފައިވެއެވެ.