ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމް ތަރައްގީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހް ކޮށްދެއްވައިފިއެވެ. ރައީސް ސޯލިހު އާއި އެކު މި މަސައްކަތް ފައްޓަވައިދެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑަބްލިއު އެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު އެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށިގެން މި ދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިހާތަނަށް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
އާޒިމް ވިދާޅުވީ މިއީ 60000 މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ މަސައްކަތް ދިނުން ކަމަށާއި، މި މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2020 އަށް ކަމަށެވެ. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވައްސަށް އެއްވެސް އާބާދީއެއް އައިސްފިއްޔާމު ފެނާއި ނަރުދަމާގެ ހިދްމަތް އެ އާއިލާއަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މި މަސައްކަތް ކުރުވަން އުޅުނީ 42 މިލިޔަން ޑޮލަރަށް ކަމަށާއި، ނަމަވެސް މި މަސައްކަތް މި ސަރުކާރުން ކުރަނީ 15 މިލިޔަން ޑޮލަރަށް ކަމަށް އާޒިމް ވިދާޅުވިއެވެ. މި ޕްރޮޖެކްޓްއިން އެކަނި ވެސް 27 މިލިޔަން ޑޮލަރު ދިވެހި ސަރުކާރަށް ސަލާމަތްވާނެކަން އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ ފާއިތުވި ތިން މަސްދުވަސް ތެރޭގައި އެމްޑަބްލިއުއެސްސީން ގިނަ ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށެވެ.
" ރައްޔިތުންނަށް ގޭގައި ހުރެގެން ހުރިހާ ހިދްމަތެއް ލިބޭނެ ލުއި ފަސޭހަ ކޮށްދެއްވާފައިވާނީ . ރައްޔިތުންގެ ޝަކުވާ ބޮޑު ތަނުން މަދުވެފައިވާނީ. މި ހުރިހާ ކަމަކީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ބުރަ މަސައްކަތް" އާޒިމް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެމްޑަބްލިއުއެސްސީގެ ސްވަރޭޖް ނެޓް ވޯރކްގެ މެއިންޓެނެންސް ކުރިއަށް ނުގެންގޮސް ހުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި، އޭގެ ސަބަބުން އިރުއިރުކޮޅާ މާލޭގެ މަގުތަކަށް ނަޖިސް އެރުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް މިހާރު ސްވަރޭޖް ނެޓް ވޯރކްގެ މެއިންޓެނެންސް ކުރުމުގެ މަސައްކަތް ކޮންމެ ރެއަކުވެސް ކުރިއަށްގެންދާ ކަމަށާއި، ނަޖިސް އެރުމުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.