ރާއްޖެއަށް އަލަށް އަންނަ ބިދޭސީންނަށް އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯރޓުން އެތެރެވެވޭ ގޮތް ހަމަޖައްސައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
ބުދަ ދުވަހު އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 3 އޭޕްރީލް އިން ފެށިގެން ރާއްޖެއަށް އަލަށް އަންނަ ބިދޭސީންނަށް އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯރޓުން އެތެރެވެވޭނެ ކަމަށާއި، މިއީ ރާއްޖެއަށް އަލަށް އަންނަ ބިދޭސީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓް ނޫން ތަނަކުން އެތެރެކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
އޭގެ އިތުރުން، ރާއްޖެއަށް އަލަށް ވަޒީފާއަށް ނުކުންނަ ބިދޭސީންނަށް މީގެ ކުރިން ރާއްޖެއަށް އެތެރެވެވެނީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ކަމަށާއި، ނަމަވެސް ވޯރކް ވިސާ ލިބިފައިވާ ފަރާތްތަކަށް މީގެ ކުރިންވެސް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމަކީ އައްޑޫގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އަބަދުވެސް އެދޭ ކަމެއް ކަމަށާއި، ހަަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ބިދޭސީން އެތެރެކުރެވޭ ގޮތަށް އޮތުމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ވަރަށް ބޮޑު ހޭދައެއް ކޮށް، މާލީ ދަތިތަކާއި ކުރމަތިލާން ޖެހޭ ކަމަށެވެ.
އިމިގްރޭޝަނުން އަބަދު ވެސް މަސައްކަތް ކުރަނީ އިމިގްރޭޝަނުން ދޭ ޚިދުމަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް، ލުއިފަސޭހަކަމާއެކު ދިނުމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ފަސޭހަވާނެ ފަދަ ޚިދުމަތްތައް ތައާރަފް ކުރާނެ ކަަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.