ކަޅު އަނދިރި ދުވަސްތަކަކަށް ފަހު މި ފެށުނީ އުއްމީދީ ދުވަސްތަކެއް ކަމަށާއި، މަޖިލީހުގެ މެޖޯރިޓީއާ އެކު މި ސަރުކާރުން ވައުދުތައް ފުއްދައި، ރައްޔިތުން ހިނިތުންކުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުު ސޯލިހް ވިދާޅުވެއްޖެއެވެ.
ބިލެތްދޫ އަށް ވަޑައިގެންނެވީ ހެނދުނުގެ ވަގުތެއްގައި ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިއީ ރަނގަޅު ފެށުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބިލެތްދޫ އާއި، ބިލެތްދޫ ދާއިރާގެ މަތިން ވަރަށް ބޮޑަށް ހަނދާން ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް އެކަން ނިމުމަކަށް ގެނެސް ދާއިރާއަށް އުއްމީދުތައް ގެނެސްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ބިލެތްދޫގައި މަސްތުވާތަކެތީގެ ވަބާ ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި ރަށުގައި ފުލުހުންގެ ހިދުމަތް ލިބުން ހިމެނިގެންދާ ކަމަށެވެ. އަދި ރައްޔިތުންގެ އެހީތެރިކަމާ އެކު ފުލުހުންގެ އިމާރާތެއް އެޅުނު ނަމަވެސް ބައެއް ސާމާނާއި، މުވައްޒިފުން އަދި ހަމަކުރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ މާދަމާ (ބުރާސްފަތި) ދުވަހުން ފެށިގެން ބިލެތްދޫ އިން ފުލުހުންގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ބިލެތްދޫ ދާއިރާއަށް ބޭނުންވާ މުހިންމު އެހެން ކަންތައް ފާހަގަކުުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި ސަރަހައްދަށް ޓޫރިޒަމް ތައާރަފްވެ، އޭގެ މަންފާ ލިބުމަށް ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފ. އަތޮޅުން ރިސޯޓް ތަރައްޤީކުރުމަށް އިތުރު ރަށްތައް ވަރަށް އަވަހަށް ބީލަމަށް ލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއި، އެމަނިކުފާނުގެ ސަރުކާރަކީ ވައުދުވެ ވައުދު ފުއްދާނެ ސަރުކާރެއް ކަމަށެވެ. އަދި ބިލެތްދޫ ދާއިރާއަށް ވެސް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ޤާއިމްވާންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބިލެތްދޫ ހިމެނޭ ސަރަހައްދުގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.
ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަން ފާހަގަކުރައްވާ އެކަމުގައި ރައްޔިތުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އެގޮތުން ބިލެތްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ހަލީމް (ދޮންބިލެތް) އަކީ ކޮންމެހެން ވެސް މަޖިލީހުގައި އިންނަވަންޖެހޭ ބޭފުޅެއް ކަމަށާއި، ދޮންބިލެތް އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.