ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 07:43
ސަރުކާރު އިމާރާތްތަކުގެ ކައިރީގައި އެކުގައި ސެލްފީ ނަންގަވާފައި
ސަރުކާރު އިމާރާތްތަކުގެ ކައިރީގައި އެކުގައި ސެލްފީ ނަންގަވާފައި
ދި ޓެލެގްރާފް
ނޯތު މެސެޑޯނިއާ
ނޯތު މެސެޑޯނިއާ: ގްރީސްގެ ބޮޑުވަޒީރު ތާރީޚީ ދަތުރުފުޅެއްގައި
ގްރީސްގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ 10 ވަޒީރަކާއި ވިޔަފާރިވެރިން ބައިވެރިވޭ

ގްރީސްގެ އުތުރު ސަރަހައްދީ ރޮނގު ހިއްސާކުރާ ނޯތު މެސެޑޯނިއާ އަށް 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ގްރީސްގެ ވެރިއަކު ފުރަތަމަ ފަހަރަށް އެ ގައުމަށް ވަޑައިގެންފިއެވެ.

ނަމުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އޮންނަތާ ތިރީހަކަށް އަހަރުވާން ގާތްވެފައި ވަނިކޮށް މެސެޑޯނިއާގެ ނަމުގެ މައްސަލަ ނިމުމަކަށް ގެނެސް، ރިޕަބްލިކް އޮފް މެސެޑޯނިއާގެ ނަން ރަސްމީކޮށް ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާ އަށް ބަދަލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

އޭގެ ފަހުން ދެ ގައުމުން ގެންދަނީ ގުޅުން ބަދަހިކުރަން މަސައްކަތްކުރަމުންނެވެ.

ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސައިޕްރަސް އަށް މަރުހަބާ ވިދާޅުވެފައި ވަނީ ސަރުކާރު އިމާރާތްތަކުގެ ކައިރީގައި އެކުގައި ސެލްފީ ނަންގަވައިގެންނެވެ.

"ގްރީސްގެ ބޮޑިވަޒީރަކު މެސެޑޯނިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު، ހަގީގަތުގައި ވެސް ތާރީޚީ ދުވަހެއް" މެސެޑޯނިއާގެ ބޮޑުވަޒީރު ޓްވިޓަރގައި ވިދާޅުވެފައި ވެއެވެ.

ގްރީސްގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ 10 ވަޒީރަކާއި ވިޔަފާރިވެރިން ބައިވެރިވެއެވެ.

ނޯތު މެސެޑޯނިއާ އިން 1991 ވަނަ އަހަރު ޔޫގޮސްލާވިއާ އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ފަހު، އެ ގައުމުގެ ނަމަކަށް މެސެޑޯނިއާ ބޭނުންކުރަން ފެށުމާ އެކު އަވަށްޓެރި ގްރީސްއާ ދެމެދު މައްސަލަ ބޮޑުވިއެވެ.

ނަމުގެ މައްސަލައިގައި ގްރީސް އިން ވަނީ މެސެޑޯނިއާ އަށް ޔޫރަޕުގެ އިއްތިހާދާއި ނޭޓޯގެ މެމްބަރަކަށް ވުމަށް ހުރަސް އަޅާފައެވެ. ނަމަވެސް ނަމުގެ މައްސަލަ ހައްލުވުމާ އެކު އެ ގައުމުން ވަނީ ނޯތު މެސެޑޯނިއާ އަށް ނޭޓޯއަށާއި ޔޫރަޕުގެ އިއްތިހާދުގެ މެމްބަރަކަށް ވާން ހުރި ހުރަސްތައް ނައްތާލާފައެވެ.

ބަލްކަންގެ ގައުމެއް ކަމަށްވާ މެސެޑޯނިއާ އަށް އެނަން ކިޔުމަށް ގްރީސް އިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާއާ އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށް ވެސް މެސެޑޯނިއާ ކިޔާތީއެވެ. 

 

- ކޮމެންޓް