ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް ދެން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން އަނެއްކާ ވެސް ފެއިލްކޮށްލައިފިއެވެ.
މި ފަހަރު ވެސް ހަތަރު ހުށަހެޅުމެއް ހުށަހަޅާފައިވާއިރު އެއިން އެއްވެސް ހުށަހެޅުމަކަށް މެމްބަރުންގެ އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.
މި ފަހަރު ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ކަސްޓަމްސް ޔޫނިއަންގައި ދެމި އޮތުމާއި ނޯވޭ ސްޓައިލް އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.
ނޯވޭ ސްޓައިލް މޮޑެލްއަކީ ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އޭއެފްޓީއޭ) އަދި ޔޫރަޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ) މި ދެ ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައި އޮތުމެވެ. ލިޝްޓެންސްޓެއިން އަދި އައިސްލޭންޑަކީ އެ ޖަމާއަތުގެ މެމްބަރުންނެެވެ.
ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަނާ ގުޅޭ ގޮތުން ނެގި ވޯޓަކީ އެ ނިންމުމަށް ސަރުކާރުން އަމަލުކުރުން ލާޒިމް ނިންމުމެއް ނޫނެވެ.
އީޔޫއާ އެކު ބޮޑުވަޒީރު ތެރީސާ މޭ މަޝްވަރާ ކުރައްވައި ގާނޫނުހަދާ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ތިން ހުށަހެޅުއްވުން ވެސް ވަނީ ފެއިލްވެފައެވެ.
ބޮޑުވަޒީރު މޭއަށް މިހާރު އޮތް މަގަކީ އީޔޫ އިން ވަކިވުމަށް އީޔޫގެ ތެރެެއިން އެހެން މަގެއް، އޭޕްރީލް މަހުގެ 12ގެ ކުރިން ހޯއްދެވުން ނުވަތަ އެއްބަސްވުމަކާ ނުލައި އީޔޫ އިން ވަކިވުމެވެ.
ދެން ކަން ކުރައްވާނެ ގޮތަކާ މެދެ މަޝްވަރާ ކުރެއްވުމަށް ވަޒީރުންނާ އެކު ބުރާސްފަތި ދުވަހު މޭ ބައްލުވުމެއް ބާއްވަވާނެއެވެ.