ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ދެބޭފުޅުން އެއްކޮށް މަސައްކަތް ކުރައްވަން ނިންމުމުން ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަދި މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ފާޑު ވިދާޅުވެއްޖެއެވެ.
ކޯލިޝަން އެއްބަސްވުމާއި އެމްޑީޕީން ހިލާފުވީ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާ އެކު މަޖިލީސް އިންތިހާބަށް ގޮނޑިތައް ހޯދުމަށް ޖޭޕީން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ގާސިމްގެ އެ ނިންމުމާއި އެކު ޖުމްހޫރީ ޕާޓީ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.
މި ސަރުކާރުގައި ހިމެނި ވަޑައިގަންނަވާ ޖޭޕީގެ ވަޒީރުން ވެސް ދަނީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ސަމީރު ގާސިމް އަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވީ، އެމްޑީޕީގެ ޓިކެޓްގައި ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އެޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު( ނިޔާ)ގެ ކެމްޕޭނު ޖަލްސާގައެވެ.
ނިޔާގެ ކެމްޕޭނު ޓީޝާޓް ތުރުކުރައްވައިގެން ހުންނެވި ސަމީރުގެ ވާހަކަ ފެއްޓެވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ނިޔާ ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވަމުންނެވެ.
''މި ބަދަލު ގެނައުމަށްޓަކައި އަނިޔާވެރި ޖައްބާރު ވެރިއެއްގެ ކިބައިން ސަލާމަތް ވާން އަޅުގަނޑުމެން ކުރި މަސައްކަތުގައި އަޅުގަނޑުމެންގެ އެކްޓިވިޓީސްގެ ޗެއާ އަކީ އަލީ ނިޔާޒު'' ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، ނިމިގެން ދިޔަ ފަސް އަހަރުގައި ރައްޔިތުންނަށް އަނިޔާ ތަކެއް ލިބި އެކަން ތަހައްމަލު ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުން ދެން އެނބުރި އަނިޔާގެ ތެރެއަށް ދާން ބޭނުންނުވާ ކަމަށާއި، ގާސިމް ޔާމިން މަސައްކަތް ކުރައްވަން ފެށުމުން އެއީ ގޯހެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
''އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންގެ ބޮޑުން ތަންކޮޅެއް ހަލަބޮލި ކޮށް އުޅޭތަން. އަޅުގަނޑުމެން ބުނަން އެބަ ޖެހޭ މިއަދު ނޫނެކޭ. ތި ގޮތް ރަނގަޅެއް ނޫނެ. އަޅުގަނޑުމެން އެބަ ބުނަން ޖެހޭ ޖައްބާރު ވެރިޔެއްގެ ފަހަތަށް އެކަކު އެރިޔަސް ޖައްބާރުކަން އޭނަގެ ކިބައިން ފިލައިގެން ނުދާނެ ކަން.'' ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވިއެވެ.
ޔާމީންގެ ފަހަތުގައި ތިބެގެން ކުރާ އެއްވެސް ކަމަކުން ނަތީޖާ އެއް ނުނިކުންނާނެ ކަމަށާއި، އަނިޔާވެރިކަން ނޫން އިތުރު އެހެން އެއްވެސް ކަމެއް ނުލިބޭނެ ކަމަށް ހަރުކަށި އަޑުން ސަމީރު ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ފްރީޒް ކޮށްފައި ހުރި އެކައުންޓްގައި ހުރި ފައިސާ ދޫކުރަން ހައިކޯޓުން ހުކުމް ކޮށްފައިވާއިރު އެކަމަށް އިޝާރާތް ކުރައްވާ ސަމީރު ވިދާޅުވީ، އެމްއެމްޕިއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ފަހު ނޫނީ އެއްވެސް ފައިސާ އެއް ނުދޭނެ ކަމަށެވެ.
'' އިންތިހާބަށް ފައިސާ ހަރަދު ކުރަންށޭ ކިޔާފައި ހަމަ ލިބޭނެ އެންމެ ފައިސާ ފޮއްޗެއްވެސް ނޯންނާނެ. އިރާދަކުރެއްވިއްޔާ ހަމަ ޕްރީޒް ކުރި ފައިސާ އަދިވެސް ހުންނާނީ ފްރީޒް ކަންމަތީގައި'' އޭނާ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، އޭނާ އަބަދުވެސް ހުންނަވާނީ ރާއްޖޭގެ ރައްޔިތުންނަށް އޯގާތެރި، އަމާނާތްތެރި ބައެއްގެ ފަހަތުގައި ކަމަށެވެ. އެއީ ކޯލިޝަންގެ ކޮންމެ ޕާޓީއަކަށް ވިޔަސް ގައުމަށް ވާފަތެރި މެމްބަރަކު އިންތިހާބު ކުރެއްވިއްޖެ ނަމަ ހުންނަވާނީ އެމީހެއްގެ ފަހަތުގައި ކަމަށެވެ.