ހއ. ކެލާ ތުނޑީގައި ރިސޯޓެއް ހަދައި، އެ ދާއިރާގައި ހިމެނޭ ފިއްލަދޫއާއި ވަށަފަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަންނަވައިފިއެވެ.
މަޖިލީހަށް ކުރިމަތިލައްވާފައިވާ ބޮޑު ތިލަދުންމަތީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯމަ ދުވަހު ފިއްލަދުއަށް ވަޑައިގެން އެރަށުގެ ރައްތިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވިދާޅުވީ، ވެރިކަމުގެ ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.
ރާއްޖެ ތަރައްގީކުރެވޭނީ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ކަމަށާއި އެކަން ކުރެވެން އޮތީ ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ކައުންސިލަރުންނަކީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާނެ ފަރާތްތަކަކަށް ވާތީ ރައްޔިތުންގެ އިހުސާސްތައް ވެސް އެންމެ ގާތުން އެނގޭނެ ބަޔަކީވެސް ކައުންސިލަރުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ، މިވެރިކަމުގައި ހުރެ ވައުދުތައް ފެއިލްވެދާން ބޭނުންފުޅުނުވާކަމަށެވެ. އަދި އެ ވައުދުތައް ފުއްދެވުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށް ހުރިހާ ކެނޑިޑޭޓުން ވެސް ހޮއްވަވައި ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި ކެލާ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އިބުރާހިމް ޝަރީފު ހޮއްވަވައިދެއްވުމަށް ރައީސް ސޯލިހު އެދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން ވިދާޅުވީ، ޝަރީފަކީ ރައީސަށް އިތުބާރުކުރެއްވޭ ބޭފުޅޭއް ކަމަށެވެ.
"ޝަރީފަކީ އިސްލާހަށް މަސައްކަތް ކުރެއްވި ބޭފުޅެއް، މިވޭތުވެ ދިޔަ 7 އަހަރުގެ ދިގު އުނދަގޫ ދުވަސްތަކުގައި ވަރަށް ގިނަ ގޮތްގޮތުން ޝަރީފު އެހީވެދެއްވި. ޝަރިފާއި މެދު ފުރިހަމައަށާ އިތުބާރު އެބައޮތް. ޝަރީފު ހޮއްވަވަވައިދެއްވުން އެދެން" ރައީސް ވިދާޅުވިއެވެ.
ކެލާ ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑާއިގެން ރައީސް ވިދާޅުވީ، ކެލާގެ ތުނޑީގައި ރިސޯޓެއް ހަދައި، ފިއްލަދޫގެ "ދައްޕަރު" ޓޫރިޒަމަށް ހުޅުވާލައްވާނެކަމަށެވެ. މީގެ އިތުރުން ވަށަފަރުގެ ފެނާއި ނަރުދަމާ އަޅައިދެއްވާނެ ކަމަށެވެ.
ރައީސް ސާލިހު ބޮޑުތިލަދުންމަތީގެ ހއ. އަދި ހދ. އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޯމަ ދުވަހުގެ ރޭ މާލެވަޑައިގަންނަވާނެއެވެ.