އއ ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އާއި، ބ އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ދެމެދު ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މި ދެ އެެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަގު 43 މިލިއަން ރުފިޔާއަށް އަރާއިރު، އެ ކޮންޓްރެކްޓުގެ މުއްދަތަކީ 350 ދުވަހެވެ. އެގޮތުން ކޮންޓެރެކްޓުގެ ދަށުން 497 މީޓަރުގެ ބޭރު ތޮއްޓެއް ޖެހުމާއި، 372 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުމާއި، ބަނދަރު ސަރަހައްދުގައި ލައިޓާއި ރޭމްޕް ޖެހުމަށް ހަވާލު ކޮށްފައިވާއިރު، ބަނދަރު ފުންކުރުމާއި، ނެރުބައްތި ޖެހުން ވެސް ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ބ.އޭދަފުށީ މަގު ހެދުމުގެ ޕްރޮޖެކްޓުގެ އަގު 24 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އެ ކޮންޓްރެކްޓްގެ މުއްދަތަކީ 250 ދުވަސް ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި އެ ޕްރޮޖެކްޓުގެ ދަށުން އޭދަފުށީގެ ބޮޑެތި މަގުތަކުގައި ރަނގަޅު ފެންވަރުގެ ތާރު އެޅުމާއި، މަގުތަކުގައި ބައްތި ޖެހުން ހިިމެނޭކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ދެ ޕްރްޖެކްޓު ވެސް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރާ ގުޅިގެން ތަރައްޤީޤެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.