ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރި ރަސްރަސްކަލުންނާ ރައީސުންގެ ވެރިކަން މިގައުމުގެ ދަރިން ދެކެފިއެވެ. ބާރާ ނުފޫޒު ބޭނުންވުމުން ވެރިންގެ މެދުގައި ކަންކަން ހިނގާ ގޮތާ، ވެރިންގެ މެދުގައި އޮންނަ ކޯޅުމާ، މަޖިލީހުގެ މެޖޯރިޓީ ބޭނުންވުމުން ކަން ހިނގާދާ މަންޒަރު އޮތީ ފެނިފައެވެ. ވެރިކަމާ ހިފާ ހިފުމުގައި އާއިލީ ކޯޅުމާ، ވިޔަފާރިވެރިންގެ ނުފޫޒު ކަންކަމުގެ ތެރެއަށް ފެތުރިގެންދާ މިންވަރު ފެނުނީ އިއްޔެއަކު މިއަދަކު ނޫނެވެ.
ރައީސް މައުމޫނުގެ ވެރިކަން 2008 ވަނަ އަހަރު ނިމުމަކަށް ގެނައުމަށް ގ. ކެނެރީގޭ މުހައްމަދު ނަޝީދު ދިވެހިން އިހްތިޔާރު ކުރި އިރު ނަޝީދު ވެރިކަމަށް ގެނައުމަށްޓަކައި "ވަތަން އެދޭ ގޮތަށް" ތަފާތު ފިކުރުގެ ޕާޓީތައް ގުޅިގެން ކުރެވުނު މަސައްކަތަކީ ބުރަ އަދި ބޮޑު މަސައްކަތެކެވެ. އެވެސް ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށް މުޅި ގައުމު އެކީއެކުގައި ތެދުވި ތެދުވުމެކެވެ.
އެހެން ނަމަވެސް ހެޔޮވެރިކަމެއް ކުރެއްވުމަށް މަސައްކަތް ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ހުއްޓުމަކަށް އައީ 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުމުންނެވެ. އިދިކޮޅުފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ އެފަހަރު ލިބިގެން ގޮސް މުޅިސަރުކާރު ހިންގުމުގެ ބާރު މަޖިލީހަށް ޖަމާކުރެވިގެން ދިޔައެވެ.
އެންމެ ފަހުން ސަރުކާރެއްގެ ވަރަ ކޮށާލުމުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތް ދިވެހިން ހަނދާނުން ފިލައިގެނެއް ނުދާނެއެވެ. އެ ދުވަހު ހިނގާދިޔަ ކަންކަމާ ގުޅި ލާމެހިގެން ނަޝީދުގެ ސަރުކާރުގެ ނިމުން އައުން ވެގެންދިޔައީ އިސްލާހަށް ލޯބި ކުރި އެތައް ދަރިންނެއްގެ ހިތަށް ހަންޖަރެއް ހެރުން ފަދަ ކަމަކަށެވެ.
ނަޝީދުގެ ވެރިކަމަށް ފަހު ގައުމުގެ ބާރުތަކާ ހަވާލުވި ފަރާތްތަކުން ދިވެހިގައުމާ، ދިވެހިންނާ މެދު ވެސް ކަންތައް ކުރީ ހިތުހުރި ގޮތަކަށެވެ. އެމީހުންގެ ބާރާ ، އެމީހުންނަށް ލިބުނު އުފަލާ އަރާމަކީ ދުވަހަކުވެސް ގެއްލި ހިނގައިދާނެ އެއްޗެއް ކަމަށް އެމީހުން ތިބީ އެދުވަހު ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. ގައުމެއްގެ މާލިއްޔާ ކަހާލައިގެން ތިބި މީހުންނަށް އަލުން ބާރުތަކެއް ދިނުމަށް ވަކާލާތު ކުރާނީ މޮޔައިންނެވެ. އަނިޔާ ވެރިންގެ ބާރު ކަރުދާސް ކޮޅަކުން ލުހެލުމުން އަލުން އެމީހުންނަށް ބާރު ދިނުމަށް އަރުވާ ޖަހައިގެން ނިކުންނާނީ އަނިޔާވެރިކަމަށް ހިތްވަރު ދޭ މީހުންނެވެ.
ނަޝީދުގެ ވެރިކަން ނިމުނުތާ ހަތް އަހަރު ފަހުން ވެރިކަމުގައި މިހާރު އެހުންނެވީ އަނެއްކާވެސް އެމްޑީޕީގެ ބޭފުޅެކެވެ. ޖަލުގައި ކުޑަގޮޅީގައި ވަގުތުތައް ހޭދަކުރެއްވި އެތައް ސިޔާސީ ލީޑަރުންނެއް މިނިވަން ކުރެވުނީ ރައީސް ޔާމީނުގެ ވެރިކަމަށް ފަހުގައެވެ. މަޖިލީހުގެ މެޖޯރިޓީ އޮތުމުން ގާނޫނުތައް ބަދަލު ކޮށްގެން ކޮށްފައިވާ ކަންކަން ބެލޭނީ އަލުން ރައްޔިތުންގެ މަޖިލީހަށް އެމީހުންގެ މުށުތެރޭގައި ނެތް ބަޔަކު ހޮވުމުންނެވެ.
ވެރިކަމުގައި އެމްޑީޕީ އޮތުމަކުން ނުފެދޭނެއެވެ. އަދި ވެރިކަން ކުރައްވަން ޞާލިހް ކިޔާ ބޭފުޅަކު ހުންނެވުމަކުން ވެސް ނުފުދޭނެއެވެ. މިގައުމުގައި ކުރިން ފެނުނު މަންޒަރަށް ބަލާއިރު ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ނެތް ނަމަ ސަރުކާރު ވެގެންދާނީ ދަތްނެތް ސިންގާ އަކަށެވެ.