މިއަހަރުގެ މިހާތަނަށް 1303 މީހުންނަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ފެށި ކެމްޕޭން އިފްތިތާފް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ ތިން އަހަރަށް ވުރެ މިއަހަރު ޑެންގީ ޖެހިފައިވާ މީހުންގެ އަދަދު އިތުރު ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 1303 މީހުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ޑެންގީހުން ޖެހިގެން އަތޮޅުތަކުން 909 ކޭސް ރިޕޯޓުކޮށްފައިވާއިރު މާލެ ސަރަހައްދުން 394 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޒުހައިރު ވިދާޅުވީ އަތޮޅު ތެރެއަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ހއ., ރ.، އދ.، ލ. އަދި ގދ. އިން ކަމަށެވެ.
''ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ 10 އަހަރުން ދަށުގެ ކުޑަކުދިންނާއި 25 އަހަރުން މަތީގެ މީހުން ކަމަށް މި ތަފާސް ހިސާބުތަކުން ދައްކާ،'' ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ އައުޓްބްރޭކް އައިސް ވަނީ 2006 ވަނަ އަހަރު ކަމަށެވެ.
ޒުހައިރު ވިދާޅުވީ އޭގެ ފަހުން ވަރަށް މަދުން ކޭސްތައް ރިޕޯޓު ކުރެވިފައިވީ ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 421 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޗިކުންގުންޔާގެ އެންމެ ގިނައިން ޖެހެނީ 25 އަހަރުން މަތީގެ މީހުންނަށެވެ.