މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާ މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކެމްޕޭން ފައްޓަވައިދެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.
މި ކެމްޕޭނާ ބެހޭ ގޮތުން ޒުހައިރު ވިދާޅުވީ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ހިންގާ ޚާއްސަ ހަރަކާތްތައް އެޕްރީލް މަހަށް ދިގުދެމިގެންދާނެ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ހުރިހާ އަތޮޅު ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކާއި ކައުންސިލްތަކާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމާއަތްތަކުން މި ކޭމްޕްގައި ބައިވެރިވާނެ ކަމަށެވެ. އަދި އެންމެހާ މުއައްސަސާތަކާ ގުޅިގެން މިބަލިތައް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެމްޕޭންގެ މަގުސަދަކީ މަދަރީގެ ޒަރިއްޔާ އިން ފެތުރޭ ޑެންގީ އަދި ޗިގުންގުންޔާ ފަދަ ބަލިތައް މަދުކުރުމާ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.
"މި ބަލިތައް ފަތުރާ މަދިރިއަކީ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންނާ އެކު ދިރިއުޅޭ އެއްޗެއް. އެހެންކަމުން މި މަދިރިން ސަލާމަތްވުމަށް ނުވަތަ މަދިރި ނައްތާލުމަށްޓަކައި ގެއާއި ގޯތި ތެރޭގައި އަދި އާއްމު ތަންތަނުގައި މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ މަދިރި ކޮންޓްރޯލްކުރުމަށް އޮތް އެންމެ ބޮޑު ހަތިޔާރު. އަދި މިފަދަ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ވަކިވަކި ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކާ އަމިއްލަ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" ޒުހައިރު ވިދާޅުވިއެވެ.
ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކަކީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލުތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުއިޒް މުބާރާތައް ބޭވުމާއި، ސްކޫލުކުދިންނަށް ތައްޔާރު ކުރެވިފައިވާ ވޯކް ޝީޓް، މެސެޖް، ވީޑިއީ ކްލިޕްސް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމެވެ.
ޑެންގީ ހައިލެވެލް އެޑްވޮކަސީ ފޯރަމް މިމަހުގެ 25 ގައި ޑަބްލިޔުއެޗްއޯ ކޮންސަލްޓަންޓްގެ އެހީގައި ކުރިއަށް ގެންދާނެ ކަމަށާއި، އާންމުނަށް ޕަބްލިކް ފޯރަމެއް ބާއްވާނެ ކަމަށެވެ. އަދި މޯލްޑިވިއަން ރެޑް ކްރެސެންޓާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މީޑިއާތަކާއި، އޮންލައިން ނިއުސްތަކާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމާއި، މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ޑެންގީ އަދި ޗިކަންގުންޔާއާއި ގުޅޭ މުހިންމު މެސެޖުތައް އާންމުންނަށް ފޮނުވާނެ ކަމަށެވެ. އަދި ސޯޝަލް މިޑީއާ މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮންމެ އަންގާރަ ދުވަހެއްގައި ޑެންގީ، ޗިކުންގުންޔާގެ ތަފާސް އާންމުކުރާނެ ކަމަށާއި، އެލްޖީއޭ އަދި ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.