މެދު އިރުމަތީގެ މާކެޓަށް އަމާޒު ކޮށްގެން ދިވެހި އަމިއްލަ ކުންފުންޏެއް ކަމުގައިވާ ކޮމްފަރޓް ޓްރެވަލްސް އެންޑް ޓުއަރޒްއިން އުފެއްދި "އަލް ޖުޒްރު" ފަތުރުވެރިކަމުގެ މަޖައްލާ ތައާރަފް ކޮށްފިއެވެ.
ހޯމަ ދުވަހު ޓުވަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މަޖައްލާ ތައާރަފް ކޮށްދެއްވީ މިނިސްޓަރ އޮފް ޓުވަރިޒަމް އަލީ ވަހީދުއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ ސަރުކާރުގެ ޓުވަރިޒަަމް ޑައިވަރސިޓީ އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވިގެން ދިޔަ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އަމިއްލަ އިސްނެގުމުގައި ދިވެހި ކުންފުންޏަކުން މި މަސައްކަތް ކުރުމުން މިނިސްޓަރ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން އަރަބި ބަހުން ނެރުނު ފުރަތަމަ މަޖައްލާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި މަޖައްލާގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބެގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އަމިއްލަ ކުންފުނިތަކުން މިހެން ކުރާ މަސައްކަތްތައް އުފަލާއިއެކު މިނިސްޓްރީން ބަލައިގަންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"އަލް ޖުޒްރު" މަޖައްލާ ނެރުނު ކުންފުނީގެ އިސް ފަރާތެއް ކަމުގައިވާ މޫސާ ނިޒާރު ވިދާޅުވީ މި މަޖައްލާއަކީ މާކެޓިން މަޖައްލާއެއް ކަމަށެވެ. އަދި މިއީ މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ޓުވަރިޒަމްގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދީގެން ތައްޔާރު ކޮށްފައިވާ މަޖައްލާއެއް ކަމަށާއި، އެ މައުޟޫގެ ލިޔުމެއް ވެސް މި މަޖައްލާގައި ހިމެނިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޒާރު ވިދާޅުވީ އަލް ޖުޒްރު މަޖައްލާއަކީ އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި މަޖައްލާ އުފެއްދުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ކުންފުނިތަކެއްގެ އެއްބާރުލުމާ އެހީ ލިބުނުކަން ފާހަގަކުރައްވާ ނިޒާރު ވަނީ އެ ހުރިހާ ފަރާތްތަކަަކަށް ޝުކުރު އަދާކޮށްފައެވެ. ނިޒާރު ވިދާޅުވީ މި މަޖައްލާ ރާއްޖޭގެ ރިސޯޓުތަކުންނާއި އެއަރޕޯޓުތަކުގައި ބަހައްޓަން ނިންމާފައިވާ އިރު މި އަހަރު ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ކުންފުނިތަކުން ބައިވެރިވާ ޓުވަރިޒަމް ފެއަރތަކުގައި ވެސް މި މަޖައްލާ ޑިސްޓްރިބިއުޓް ކުރާނެ ކަމަށެވެ. މިހާތަނަށް މި މަޖައްލާއަށް ހީކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަރަބި ފަތުރުވެރިންނަށް ހާއްސަކޮށްގެން ނެރުނު ފުރަތަމަ އަރަބި ބަހުގެ މަޖައްލާގައި ރާއްޖެއާ ބެހޭ މައުލޫމާތުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކާއި ރިސޯޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ. މި މަޖައްލާގެ ޕްރިންޓް ކޮށްފައިވާ އަދަދުގެ އިތުރުން ޑިޖިޓަލްކޮށް ވެސް ޓުވަރިޒަމް މިނިސްޓްރީގެ ވެބްސައިޓުން މަޖައްލާ ފެންނަން ހުންނާނެއެވެ.