ނިޕްސީ ހަސްލްގެ ނަމުން މަޝްހޫރު ވެފައިވާ ލޮސް އެންޖެލަސްއަށް އުފަން ރެޕަރ، އާރމީސް ޖޯސެފް އަސްޣެދޯމްގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލައިފިއެވެ.
އުމުރުން 33 އަހަރުގެ ނިޕްސީ ހަސްލްއަށް ބަޑީގެ ހަމަލާއެއްދީފައި ވަނީ އާދީއްތަ ދުވަހުގެރޭ އެމެރިކާގެ ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ އަންނައުނު ފިހާރައެއް ކަމަށްވާ މެރަތަން ކްލޯތިންގގެ އައުޓްލެޓްގެ ބޭރުގައެވެ. ޑޮކްޓަރުންނާއި ހަވާލާދީ ލޮސް އެންޖެލެސްގެ ފުލުހުން ބުނެފައި ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
މި ހަމަލާގައި އިތުރު ދެ މީހަކަށް ވަނީ ޒަޚަމް ވެސް ވެފައެވެ.
ފުލުހުން ބުނީ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުވަމުންދާ ވަރަކުން މައުލޫމާތު އާންމުކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ނިޕްސީ ހަސްލްއަކީ ލޮސް އެންޖެލެސްގެ ހިޕްހޮޕް، ރެޕް ސީންގައި ކާމިޔާބު ފަންނާނެކެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމް، 'ވިކްޓްރީ ލެޕް' ވަނީ މި އަހަރުގެ ގްރެމީ އެވޯޑްސްގައި އެންމެ މޮޅު ރެޕް އަލްބަމްގެ އެވޯޑަށް ނޮމިނޭޓްވެސް ވެފައެވެ.
ދެކުނު ލޮސް އެންޖެލެސްގައި ނިޕްސީ ހަސްލް ބޮޑުވެގެން އައިއިރު، އޭނާގެ ޒުވާން ދުވަސްވަރު އޭނާ ވަނީ ރޯލިންގ ސިކްސްޓީޒް ނެއިބަރހުޑް ކްރިޕްސް ގޭންގުގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ފަހުން ގޭންގު ދިރިއުޅުން ދޫކޮށް، އޭނާގެ ދިރިއުޅުން ޚާއްސަކޮށްފައި ވަނީ އިޖުތިމާޢީ މަސައްކަތްތަކާއި، މިއުޒިކަށެވެ.
ނިމިގެންދިޔަ 2018 ވަނަ އަހަރު ލޮސް އެންޖެލެސް ޓައިމްސްއަށް ދިން އިންޓަރވިއުއެއްގައި ނިޕްސީ ހަސްލް ބުނެފައި ވަނީ، އޭނާ އުޅެ ބޮޑުވީ ގޭންގު ދިރިއުޅުމުގައި ކަމަށާއި، އެ ހަޔާތުގައި އުޅުނު އިރު މަރާއި، މާރާމާރީ ފެނި، އެއަށް ހޭނިފައިވާ ކަމަށެވެ. އެ ހަޔާތަކީ ހަނގުރާމައެއްގައި އުޅުންފަދަ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
ބަޑީގެ ހަމަލާގައި މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނިޕްސީ ހަސްލް ކުރި، ކުރު ޓްވީޓެއްގައިވަނީ "ބާރުގަދަ ހަތުރުވެރިން ލިބުމަކީ ރަޙުމަތެއް" ކަމަށެވެ.
Having strong enemies is a blessing.
— THA GREAT (@NipseyHussle) March 31, 2019