ކ. މާލެ
|
1 އޭޕްރިލް 2019 | ހޯމަ 12:24
ޒެލެންސްކީއަަކީ ކޮމީޑިއަނެއްގެ ގޮތުގައި ރައީސެއްގެ ރޯލް ކުޅެފައިވާ ބޭފުޅެއް
ޒެލެންސްކީއަަކީ ކޮމީޑިއަނެއްގެ ގޮތުގައި ރައީސެއްގެ ރޯލް ކުޅެފައިވާ ބޭފުޅެއް
ރޮއިޓަރސް
ޔޫކްރެއިންގެ އިންތިޚާބު
ޔޫކްރެއިންގެ އިންތިޚާބު: ޕްރުޝެންކޯ އާއި ޒެލެންސްކީ ދެވަނަ ބުރަށް
އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު

ޔޫކްރެއިންގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަރަމަ ބުރަށް ފަހު ދެވަނަ ބުރުގައި މިހާރުގެ ރައީސް ޕެޓްރޯ ޕްރުޝެންކޯ އާއި ކޮމީޑިއަން ވޮލޮޑޮމީރް ޒެލެންސްކީ ވާދަކުރައްވަން ޖެހިވަޑައިގެންފި ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.

ވޯޓުގެ 40 އިންސައްތަ ގުނާ ނިމިފައިވާއިރު ޔޫކްރެއިންގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުގެ ނަތީޖާއިން ދައްކާ ގޮތުން ކޮމީޑިއަނެއްގެ ގޮތުގައި ރައީސެއްގެ ރޯލް ކުޅެން އުޅެފައިވާ ޒެލެންސްކީ އަށް 30.2 އިންސައްތަ ވޯޓް ލިބިވަޑައިގެންފައި ވެއެވެ.

"މިއީ ބޮޑު ކާމިޔާބީގެ ފުރަތަމަ ފިޔަވަޅު،" ނަތީޖާ އެނގުމާ އެކު އާދީއްތަ ދުވަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޒެލެންސްކީ ވިދާޅުވިއެވެ.

މިހާތަނަށް ގުނިފައިވާ ނަތީޖާއަށް ބަލާއިރު 2014 ވަނަ އަހަރުން ފެށިގެން މިހާރު ވެސް ރައީސްކަމުގައި ހުންނެވި  ޕްރޮޝެންކޯ އަށް ލިބިފައި ވަނީ 16 އިންސައްތައެވެ.

ކުރީގެ ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންކޯ އުޅުއްވަނީ 14 އިންސައްތައާ އެކު ތިންވަނައިގައެވެ.

ސެންޓްރަލް އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުން ދައްކާ ގޮތުން ވޯޓްލާން ނުކުތް ނިސްބަތަކީ 63.4 އިންސައްތައެވެ.

ޖުމްލަ 39 ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ސޯވިއެޓް ޔޫނިއަންގެ ކުރީގެ މެމްބަރެއްގެ ގޮތުގައި އޮތް ޔޫކްރެއިންގައި ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސަލާމަތީ ކަންކަމާ ގުޅޭގޮތުންނާއި ދީފާއީ ދާއިރާއިން އަދި ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ލިބިވަޑައިގަންނަވާއިރު އެ ގަމުގެ ރިޔާސީ ނިޒާމު ބެލެވިފައި އޮންނަނީ ސެމީ ޕްރެޒިޑެންޝަލް ނިޒާމެއްގެ ގޮތުގައެވެ.

 

- ކޮމެންޓް