އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ދެވޭ ގޮތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީއިން (އެމް.ޑަބްލިއު.އެސް.ސީ) ތައާރަފްކޮށްފި އެވެ.
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގައި ތައާރަފްކުރި ޕޯޓަލް ޚިދުމަތް ތައާރަފްކޮށްފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ. އެމްޑަބްލިއުއެސްސީއިން ބުނީ އެ ޚިދުމަތަކީ ކުންފުނިން ދެމުންގެންދާ ފެނާއި ނަރުދަމާގެ ޚިދުމަތް ފަސޭހަކަމާއެކު އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ހުށައެޅުމަށް މަގުފަހިކޮށްދިނުމަށްކަމަށެވެ.
އެކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި އެސެމްބްލީގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އެކުންފުންޏަކީ މިހާރު ރާއްޖޭގައި އޮތް ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ކުންފުނިކަމަށާއި ވޭތުވެދިޔަ 24 އަހަރުގެ ތެރޭގައި ކުންފުނިން ވަނީ އިންޖިނިއަރިންގ އަދި މެނުފެކްޗަރިންގ ދާއިރާއިން ވެސް ގިނަ ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.
"ރައްޔިތުނެގ ކޮންމެ ދުވަހަކާއި ގުޅިފައިވަނީ މި ކުންފުނީގެ ޚިދުމަތް. ރައްޔިތުންގެ އެކުވެރިޔާއަށް މި ކުންފުނި ހެދުމަކީ އެއް އަމާޒު." އާދަމް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ ޚިދުމަތް ކުރިއަރައި ދިއުމަކީ ކަސްޓަމަރުންނާއި ކުންފުނީގެ މުއައްޒަފުންގެ މަސައްކަތްތަކަށް ވެސް ލުއިފަސޭހަ ވެގެންދާނެކަމެއްކަމަށެވެ.
1995 ވަނަ އަހަރު އުފައްދާފައިވާ އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ޚިދުމަތް މާލޭގެ އިތުރުން، މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި އަންނަނީ ދެމުންނެވެ.