"އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިފްތިތާޙުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި އެސޯސިއޭޝަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އެ ޖަމިއްޔާގެ ފުރަތަމް އިންސްޓަގްރާމް ޕޯސްޓް އަޕްލޯޑު ކޮށްދެއްވާފައެވެ.
އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް މައްސަރު ކަންތަކުގައި ނުވަތަ ޕީރިއަޑުވުމުގައި ދިމާވާ ވަރަށް ވޭން ހުރި އާންމު ބައްޔެކެވެ. މި ބައްޔަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން 1 އަންހެނަކަށް ޖެހޭ ބައްޔެކެވެ.
މި ޖަމިއްޔާގެ މައިގަނޑު މަޤްޞަދަކީ މި ބަލި ޖެހުމުން ކަންތައްތައް ކުރަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، މި ބައްޔާ މެދު ގިނަ ބަޔަކު ހޭލުންތެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ފައުންޑާ މެންބަރު އަދި ޗެއާޕާސަން ފާތިމަތު މިޒްނާ އަލީ ވަނީ "އެންޑޯމެޓްރިއޯސިސް"އާ ގުޅޭ ގޮތުން ހަފްލާގެ ބައިވެރިންނަށް މައުލޫމާތު ޝެޝަނެއް ހުށައަޅައި ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އެކި ޖަމިއްޔާ ޖަމާއަތްތަކުގެ މެންބަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.