ދިވެހި ދައުލަތުގެ ބާރުތައް ވަކިވެފައިވާ ގޮތަށް ބަލާއިރު އެންމެ ދެރަވަރުކޮށް އެންމެ ފަހަތުގައި އޮތް ބާރަކީ ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ހޯރަފުށީ ދާއިރާއަށް ވާދަކުރަށްވާ އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ހއ. ދިއްދޫގައި އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ ގައުމެއްގެ ހަޔާތުގައި އަންނަ އެންމެ މުހިންމު އެއް ވަގުތަކީ އެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުންތަކެއް އިންތިޚާބުކުރާ ވަގުތު ކަމަށާއި އެހެން ކަމުން މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ނިންމާ ނިންމުން ވެގެންދާނީ ރައްޔިތުންގެ ކުރިމަގު ކަނޑައަޅައިދޭ ނިންމުމަކަށް ކަމަށެވެ.
މި މުހިންމު ވަގުތުގައި ހއ. ގެ ރައްޔިތުން ވިސްނަންޖެހޭ މުހިންމު ކަމެއް ވާކަން ފަހަގަކުރައްވާ ސަލީމު ވިދާޅުވީ އެ ދާއިރާ އިން މަޖިލީހަށް ކުރިމަތި ލާފައިވާ ފަރާތްތައް ހޮވުމަކީ ލާޒިމް ކަމެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މަޖީލީހުގެ ގޮނޑިތައް ތަރުތީބުވެގެން އަންނަނީ ހއ. އިން ކަމަށްވާއިރު އެ ދާއިރާ އިން ރަނގަޅު ކޮލިޓީ މެންބަރުން އިންތިޚާބު ނުކުރެވިއްޖެ ކަމަށް ވާނަމަ އައްޑު އަތޮޅާ ހަމައަށް ދެން އިންތިޚާބުވާ ބައެއްގެ ކޮލިޓީއަށް ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ފެށުން ރަނގަޅު ކުރަން ޖެހޭ ކަމަށް ސަލީމު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖެ ތަރައްގީގެ މަގުން ފިޔަވަޅުތަށް އަޅަމުން ގޮސް އެކި ދިމަދިމާލަށް ބަލާލާއިރު ތަރައްގީގެ މަންޒަރުތައް އަޅުގަނޑުމެންނަށް ފެނޭ. ދިވެހި ދައުލަތުގެ ބާރުތައް ވަކިވެފައިވާ ގޮތަށް ބަލާލާއިރު އެކިއެކި ބާރުތައް ވެސް ޒަމާނާ އެއްގޮތަށް އެ އަންނަ ބަދަލުތަކަކާ އެކު ކުރި އަރަމުން ދާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. އެހެން ނަމަވެސް މި ދެންނެވި ބާރުތަކުގެ ތެރެއިން އެންމެ ފަހަތުގައި އެންމެ ދެރަވަރުކޮށް އޮތް ބާރަކީ ގާނޫނު ހަދާ މަޖިލީހުގެ ބާރު،" ސައްލެ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފެންނަނީ ދިވެހި ރައްޔިތުން އުއްމީދުކުރާ ފަދަ ކަންތައްތަކެއް ނޫންކަން ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ އެ ތަނުން އިވޭ އަޑުތަކަކީ ވެސް ރައްޔިތުންނަށް އުއްމީދެއް ގެނުވާ ފަދަ އަޑުތަކެއް ނޫން ކަމަށާއި ތަޖުރިބާ ކުރެވެމުން ދާ ކަންކަމަކީ ވެސް ރައްޔިތުންގެ މަޖިލީހަކުން ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ބޭނުންވާ ކަންކަން ނޫން ކަމަށެވެ.
ސައްލެ ވިދާޅުވީ ކޮންމެ އިންތިޚާބަކާ އެކު ބަޔަކު މުއްސަނދި ވާ ވާހަކަ ރައްޔިތުން އަޑުއަހަން ބޭނުން ނުވުމުގެ އިތުރުން ވެސް މެންބަރަކަށް ވީތީ އެ މީހަކަށް ލިބެންޖެހޭ އުޖޫރަ ފިޔަވައި އެހެން އެއްޗެއް ލިބޭކަށް ރައްޔިތުން އެ މެންބަރުންނަށް ހުއްދަ ނުކުރާ ކަމަށެވެ. ނަމަވެސް ކަންތައްތައް ވަމުން ދަނީ މިއާ ދިމާ އިދިކޮޅަށް ކަމަށް ވިދާޅުވެ ސައްލެ ވަނީ އެފަދަ އަމަލްތައް ހިންގާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާދުވިދާޅުވެ މި ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.
ސައްލެ ވިދާޅުވީ ނަޒާހަތްތެރި މެންބަރުންތަކެއް 19 ވަނަ މަޖިލީހުގައި ތިބެގެން މެނުވީ ގައުމު ނަޒާހަތްތެރި ނުވާނެ ކަމަށެވެ.
"ދިވެހި ދައުލަތް ހިންގުމުގެ ވަރަށް މުހިންމު މުއައްސަސާއެއް ރައްޔިތުންގެ މަޖިލީހަކީ. އަދި އެމަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ، ސަރުކާރަށް ފާރަވެރިވާ މަޖިލީހަކަށް ވާނެޖެހޭ. ނަމަވެސް މަޖިލީހުގެ މަގްސަދު އޮޅި، އެ މަޖިލީހުން ކުރަންޖެހޭ ކަންކަން ނޫން އެހެން ކަންކަން ކޮށް، ރައްޔިތުންނަށް ޚިޔާނާތްތެރިވެ މުޅި ދައުލަތް ގަޑުބަޑުވެ ފަސާދަވެގެން ދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެން ކަމުން މިއަދު އަޅުގަނޑުމެން ވަކިން ބޮޑަށް އަތުކުރި އޮޅާލާ މަސައްކަތް ކުރަންވީ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއް ގެނައުމަށްޓަކައި،" ސަލީމް ވިދާޅުވިއެވެ.
ސަލީމު ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެން ވަކިވަކީން އެ ރަށެއްގެ ރައްޔިތުންގެ ބޭނުންތައް ބެއްލެއްވުމަށް ފަހު ވައުދުތަކަކާ އެކު ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްޕުޅު ކުރައްވަމުން ދާ މަންޒަރު ދިވެހި ރައްޔިތުންނަށް ފެންނަ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ރައީސާ ހަވާލުކުރި ޒިންމާއަކީ ވެސް އެ ޒިންމާ ކަން ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ އެކަން ކަމުގެ ނަތީޖާ މިއަދު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެކަން ކަން ބަލައިގަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.