އެމްޑީޕީގެ ސިޔާސަތުތަކަށް ތާއިދު ކޮށް ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވައިފިއެވެ.
ނައިބް ރައީސް މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވީ އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒް (ނިޔާ) ގެ ކެމްޕޭނު ޖަލްސާގައެވެ.
ފައިސަލް ނަސީމް ވިދާޅުވީ، ނިޔާއަކީ ވަރަށް ކުރީއްސުރެ އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އެ ދާއިރާއަށް އެންމެ ގާބިލް ބޭފުޅަކީ ނިޔާ ކަމަށެވެ. އަދި ''އެޖެންޑާ 19"ގެ ކެމްޕޭން ޕޯސްޓަރަށް އިޝާރާތް ކުރައްވާ ނައިބް ރައީސް ވިދާޅުވީ، އެ ކިޔާލީމަ ހިތައް ފިނިކަން ލިބޭ ކަމަށެވެ.
"އަލީ ނިޔާޒް ގެންނަވަނީ ރަނގަޅު އެއްޗެއް. އަލީ ނިޔާޒު ގެންނަވާ އެތި ކިޔާލީމަ އެނގޭނީ އެއިން ލިބޭ ރައްކާތެރިކަން. އެއިން ހިތައް ލިބޭ ފިނިކަން. ފަސޭހަކަން. އާއިލާތައް ހަމަޖެހިގެން އުޅެވޭނެ މިންވަރު. ވަޒީފާގެ ފުރުސަތުތައް ތަނަވެސް ވެގެންދާނެ ގޮތް. އިގްތިސާދު ކުރިއަރައިގެން ދާނެ ގޮތް" ނައިބް ރައީސް ވިދާޅުވިއެވެ.
އެ ސިޔާސަތު ތަކާބެހޭ ގޮތުން މައުލޫމާތު ނޭނގެ ފަރާތްތަކުން ރަނގަޅަށް ކިޔާލަން ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައްޔިތުން ތަހައްމަލު ކުރައްވަން ޖެހިވަޑައިގަތް އަނިޔާއަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، އެ ފަސް އަހަރުގެ އަނިޔާގެ ވާހަކަ ދައްކަން އިތުރަށް ފަސް އަހަރު ނަގާނެ ކަމަށާއި، އެ އަނިޔާތައް އަދިވެސް ހިތުން ފިލައިގެން ނުދާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން މާގިނަ ދުވަސްތަކެއް ނުވަނީސް އެކަންތައް ހިތުން ފިލައިގެން ގޮސްފައިވާ ކަމަށް ފާހަގަކުރައްވަމުން ނައިބް ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުސީދާކޮށް ފާޑު ވިދާޅުވެފައެވެ.