ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 15:16
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީން
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރު ހައިކޯޓުން ބާޠިލްކޮށްފި
މަނިޓަރީ އޮތޯރިޓީއިން ފޮނުވި ސިޓީގައި އޮތީ ބީއެމްއެލް އެކައުންޓެއްގެ ވާހަކަ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާޠިލްކޮށްފިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން، މިކަމާއި ގުޅުން ހުރި ފައިސާ ނުހިފައްޓައިފިނަމަ، އެފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުޞަތު ހުޅުވިފައި އޮންނާނެކަމަށް ބެލެވޭތީއާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުޞަތު އޮތްކަމަށް ތަޙްޤީޤަށް ފެންނާތީ އެކަމަށް ދައުލަތުން އެދުމުންނެވެ.

ކްރިމިނަލް ކޯޓުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައްޗަށް އަމުރުކޮށްފައިވަނީ 13 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން 12 މާރިޗު 2019 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓްގައިވާ ފައިސާ ހިފަހައްޓާ، އެފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމަށެވެ.

މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ ދެ ކަމެއްގެ މައްޗަށް ވަކާލާތުކޮށެވެ. އެއީ، ކްރިމިނަލް ކޯޓުގެ އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާއާއި ޚިލާފަށް ނެރެފައިވާ އަމުރެއް ކަމާއި، އެ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި ޚިލާފަށް ނެފައިވާ އަމުރެއް ކަމެވެ.

މި މައްސަލައިގެ އިސްތިޢުނާފު ޝަރީއަތަށްފަހު، ހައިކޯޓުން ނެރުނު އަމުރުގައިވަނީ މި މައްސަލައިގައި ދެފަރާތުން ހުށަހެޅީ ޤާނޫނީ ކަންކަމަށް ބަލާއިރު ކަންތައްތަކެއް ފާހަގަވާ ކަމަށެވެ. އެއީ،

· ޢަބްދުﷲ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 8 އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 05 ނޮވެމްބަރ 2018 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވި ސިޓީއާއި ގުޅިގެންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން.

· ޢަބްދުالله ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވަނީ 13 ޑިސެމްބަރ 2018 ވަނަ ދުވަހު ކަމާއި، އަދި ކްރިމިނަލް ކޯޓުން ޢަބްދުالله ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރުމުގެ އަމުރު ނެރެފައިވަނީ 13 ޑިސެމްބަރ 2018 ވަނަދުވަހުކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަން.

· މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާފަދަ މޮނިޓަރިންގ އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތްކަން.

· ޢަބްދުالله ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 05 ނޮވެމްބަރ 2018 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވި ސިޓީއާއި ގުޅިގެންކަމަށް ދައުލަތުގެ ފަރާތުން ބުނާއިރު، އިޝާރާތްކުރެވުނު ސިޓީގައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކްސްރޯ އެކައުންޓަކަށް 10 ޖޫން 2018 ވީ އާދީއްތަ ދުވަހު ޢަބްދުالله ޔާމީންގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރުގެ އާދަޔާ ޚިލާފު މުޢާމަލާތެއް ފާހަގަކުރެވިފައިވުމުން، އެމުޢާމަލާތް ހިންގުމުގެ ޙައިސިއްޔަތާއި ބޭނުމާއި މެދު ސުވާލު އުފެދޭކަމަށް ފާހަގަކުރެވޭތީ މިކަންތައް އިތުރަށް ބަލައި ތަޙްޤީޤްކުރުން މުހިއްމުކަމުގެ ވާހަކަކަމަށްވީއިރު، މިސިޓީއާއިއެކު ޢަބްދުالله ޔާމީންގެ އެކައުންޓް ފްރީޒްކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޢަބްދުالله ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 8 އަކުންޓްގެ ބޭންކް ސްޓޭޓްމަންޓްތައްކަމަށްވާއިރު، އިޝާރާތްކުރެވުނު ސިޓީގައިވާ މުޢާމަލާތާއި ޢަބްދުالله ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހުޅުވާފައިވާ 8 އެކައުންޓާއި ގުޅުވައިދެނީ ކިހިނެއްކަން މި 8 އެކައުންޓް ފްރީޒްކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކި ޤަރީނާތަކަށް ބެލުމުން އެނގެން ނެތްކަން

މި ކަންކަން މިހެން ހުރުމުން، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް އަމުރު ނެރެފައިވަނީ ޤާނޫނުޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 އަދި 73 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާއަތުތަކާއި ޚިލާފަށްކަމަށް ވާތީ އެއަމުރަކީ ބާޠިލް އަމުރެއްކަމަށް ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ހުކުމް ކުރާކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.

- ކޮމެންޓް
31 މާރޗް 2019 | އާދީއްތަ 10:25
އިސްލާހް
ގައުމު ނެތް ރަނގަޅުވާކަށް