ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ ދާއިރާތަކުގައި ކަމަށާއި ވަކިވަކި ފޮށީގެ ނަތީޖާ އިލެކްޝަނުން އިއުލާން ނުކުރާނެ ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީއިން ބުނީ ވަކި ވަކި ފޮށީގެ ނަތީޖާ އިއުލާން ނުކުރި ކަމުގައި ވިއަސް އެ ކަމިޝަނުން ކަނޑައަޅާ ވެބްސައިޓަކުން އޮންލައިންކޮށް ނަތީޖާ ފެންނާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ވަކިވަކި ވޯޓް ފޮށިތަކުގެ ނަތީޖާ އިއުލާންކުރާ ވެބްސައިޓަކީ results.election.gov.mv ކަމަށެވެ. އަދި ވޯޓުލާ ނިމުމަށް ފަހު ވޯޓު ގުނާ މަރުކަޒުގައިލާ ވޯޓުގެ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި އެ ސައިޓަށް އަޕްލޯޑްކުރާ ވަކި ފޮށިތަކުގެ ނަތީޖާއަކީ ވަގުތީ ނަތީޖާ ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮންމެ މަރުކަޒެއްގައި ވެސް ނަތީޖާ ޝީޓު ލިބުމާއި އެކީގައި ވޯޓުލާ މަރުކަޒުގައި ގުނުމާއި އެކީގައި ކޮންމެ ފޮއްޓެއްގެ ނަތީޖާ ވަކިން އިއުލާންކޮށްފައި އާންމުންނަށް ފެންނަ ތަނެއްގައި ތަތްކުރާނެ. އެއަށްފަހުގައި ޓެބްލެޓް މެދުވެރިކޮށް އަޅުގަނޑުމެންނަށް ނަތީޖާ ފޮނުވާނީ. އެއަށް ފަހު ނަތީޖާ ވެރިފައި ކުރާނެ ހާލަތަކީ ނަތީޖާގެ ހާޑްކޮޕީ އަޅުގަނޑުމެންނަށް އައިމަ އަޅުގަނޑުމެންގެ އަތުގައި ހުރި ނަތީޖާއާއި އެއާ އަޅާ ކިޔާނީ" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އީސީއިން ގާނޫނު ލާޒިމް ކުރާ އެއްވެސް ކަމެއް ނުކޮށް ދޫކޮށް ނުލާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ގާނޫނުގައި ބުނާގޮތުގެ މަތިން ވޯޓު ފޮށި ބަހައްޓާފައި ހުންނަ ތަނުގައި ވަގުތީ ނަތީޖާ އާންމުންނަށް ފެންނަ ތަނެއްގައި ތަތްކުރާނެ ކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި އީސީއިން 501 ވޯޓު ފޮށި ބަހައްޓާއިރު އެ ފޮށިތަކުގައި 8636 ޝީޓު ވެބްސައިޓަށް އަޕްލޯޑު ކުރާނެއެވެ.