އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރުމަށް ކޮމަންވެލްތުން ނިންމާފައިވާ ކަމަށް އެ ޖަމާއަތުން އިއުލާނުކޮށްފިއެވެ.
އިންތިޚާބު އޮބްޒަރވް ކުރާ ކޮމަންވެލްތުގެ ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނީ ޖަމައިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިންގއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރުކަމުން ވަކިވެފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅާފައެވެ. ސަރުކާރުން ވަނީ އޭޕްރީލް 6 ވަނަ ދުވަހު އޮންނަ އިންތިޚާބު އޮބްޒަރވް ކުރުމަށް ކޮމަންވެލްތަށް ދައުވަތުދީފައެވެ.
އިންތިޚާބާ ގުޅިގެން ކޮމަންވެލްތު އޮބްޒަރވަރުން ތައްޔާރުކޮށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑަށް އަރުވާ ރިޕޯޓް ވެގެންދާނީ ރާއްޖެ ކޮމަންވެލްތާ އަލު ގުޅުމަށް ނުރަސްމީކޮށް ހެދޭ އެސެސްމެންޓަކަށެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންތިޚާބު އޮބްޒަރވް ކުރުމަށް އެ ޖަމާއަތުގެ ވަފްދެއް ފޮނުވުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެއްކަމަށެވެ.
"އިންތިޚާބު ހިނގާދާ ގޮތާ ބެހޭގޮތުން ތައްޔާރު ކުރެވޭ ރިޕޯޓް ވެގެންދާނީ ދިވެހިރާއްޖެއިން، ޑިމޮކްރަސީގެ ހަމަތަކާއި ގާނޫނަށް ތަބާވާ މިންވަރާއި ޚިޔާލު ފާޅުކުުރުމުގެ މިނިވަންކަން ފަދަ އިންސާނީ ހައްގުތައް ރައްކާތެރިކުރާ މިންވަރު ހިމެނޭ ގޮތުން ކޮމަންވެލްތުގެ އުސޫލުތަކަށް ދިވެހިރާއްޖެ ތަބާވާ މިންވަރު މެމްބަރު ގައުމުތަކަށް ސާފުވެގެންދާނެ ކަމަކަށް...އޭގެ ފަހުން އަޅުގަނޑުމެންގެ މެމްބަރު ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން ނިންމަވާނެ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމަށް ރަސްމީކޮށް އަލުން ހުށަހެޅުމަށް ދައުވަތު ދޭނެތޯ"
މާރޗް 30 ވަނަ ދުވަހު ކޮމަންވެލްތުގެ ޓީމް ރާއްޖެ އަންނާނެ ކަމަށް ބުނެފައިވާއިރު އެ ޓީމް ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 13 ގައެވެ.