Advertisement
ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 09:23
ރައީސް ސޯލިހު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ސޯލިހު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ބޮޑު ތިލަދުންމަތި ދަތުރު
ރާއްޖެ ދުށް އެންމެ ހުދު މުހުތާރު ވެރިކަން ކުރެއްވީ ރައީސް ޔާމީން: ރައީސް ސޯލިހު
އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ރައީސް ގޮވާލެއްވި
އިންތިޚާބު އީސީން ކަނޑައަޅާފައިވާ ތާރީޚުގައި އޮންނާނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ހުދު މުޚުތާރު ވެރިޔާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްޢަފޫރު މޫސާ އަށް ތާއީދު ހޯއްދެވުމަށް ހަނިމާދޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީން އަނެއްކާ ވެސް ގައުމު އަނދަވަޅަކަށް ވައްޓަވާލައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި، އެ ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން މުޅި މަޖިލީހުގެ ނިޒާމް ގަނޑުބަޑުކޮށްލައްވާފައިވާ ކަމަށާއި، ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތި ހިތު ހުރި ގޮތަކަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އޭރު މި ދިވެހި ގައުމު ދެކެފައި ވަނީ ދުވަހަކު ވެސް ގައުމު ނުދެކޭހާ ހިތި ދުވަސްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ފުރުސަތު އެ މަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީއާ އެކު ހިތު ހުރިހާ ގޮތަކަށް އަމަލުކުރައްވަމުން ގެންދެވި ކަމަށާއި، އަނެއްކާ ވެސް ރައީސް ޔާމީން އެ ފުރުސަތު ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވީ ޕީޕީއެމްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަދައިން އިންތިޚާބު ލަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ. ނަމަވެސް މި ފަހަރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައި އޮތް ތާރީޚުގައި އިންތިޚާބު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން 100 ދުވަހު ކުރަން ނިންމި ކަންތަކުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށާއި، އަދި އޭގެ ތެރެއިންވި 28 ކަންތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ބޮޑު ތިލަދުންމައްޗަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ރައީސް ވަނީ ރިޔާސީ އިންތިޚަބުގައި އެ މަނިކުފާނަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް