Advertisement
ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 04:55
ޑިފެންސް މިނިސްޓަރު މާރިޔާއާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ޑިފެންސް މިނިސްޓަރު މާރިޔާއާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ރައީސް އޮފީސް
ފަަލަ ސުރުޚީ
ޖޭޕީން ކުރަން އުޅެނީ ކޮން ކަމެއްކަން ސާފެއް ނުވޭ: މިނިސްޓަރު މާރިޔާ
ޖޭޕީގެ މެންޑޭޓް އޮޅުން ނުފިލާ ކަމަށް މިނިސްޓަރު ވިދާޅުވި
އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރާ އެކު ތޯ ނުވަތަ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ އެކު ތޯ އެނގެން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި ވިދާޅުވެއްޖެއެވެ.  

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ކުރީ ސަރުކާރާއި ހިލާފަށް މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ މެންޑޭޓެއް އެކުލަވައިލައިގެން ކަމަށެވެ. އެމްޑީޕީން އެކުލަވާލާފައިވާ އެޖެންޑާ 19 އަކީ ދޮރުން ދޮރަށް ހިނގައި ރައްޔިތުންނަށް ކައިރިން އޮޅުން ފިލުވާފައި އެކުލަވާލާފައިވާ އެޖެންޑާއެއް ކަމަށާއި، އެމްޑީޕީގެ މެންޑޭޓު ވަރަށް ސާފު ކަމަށެވެ. އެކަމަކު ޖޭޕީގެ މެންޑޭޓް އޮޅުން ނުފިލާ ކަމަށް ވިދާޅުވެ، އެ ޕާޓީއަށް މިނިސްޓަރު ވަނީ ފާޑުވިދާޅުވެފައެވެ.

ސަރުކާރުގައި ތިއްބެވި ބޭފުޅުން ޖޭޕީ އަކީ އެންމެ ފުރަތަމަ އައިނުން ކޯލިޝަންހެން. އެކަމަކު މިހާރު އިދިކޮޅު ފަރާތެއް ހެންވެސް މަޖިލީހުގައި ވަޑައިގަންނަވަން އެ ވިދާޅުވަނީ އިދިކޮޅަށް ތިއްބަވާނެ ބޭފުޅުންނާ އެކީގައިވެސް ޖޭޕީ. އެހެންވީމާ އެބޭފުޅުން ސްޓޭޓަސް އެއް އޮޅުމެއް ނުފިލާއޭ.؟ އެބޭފުޅުން ކުރަން އުޅުއްވަނީ ކީ ކަމެއް އޮޅުން ނުފިލައޭ؟ މިނިސްޓަރު ވިދާޅުވިއެވެ.

ޖޭޕީން އޮތީ ސަރުކާރާ އެކުގައިކަން، ނުވަތަ ނޫން ކަން ނޭނގުމަކީ ދެރަ ކަމެއް ކަަމށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ޖޭޕީގެ ސްޓޭންޑް އޮޅުން ފިލުވަން ބޭނުންވާ ކަމަށާއި، ޖޭޕީން އެކަން ސާފުކޮށް ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކެމްޕޭނު ކުރާނެ ފައިސާ އެއް ނެތް ކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވައްދަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވާއިރު މާރިޔާ ވިދާޅުވީ، ހަރަދު ކުރާނެ ފައިސާ ނެތި އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އިންތިހާބު ލަސްކުރެވޭ ފަދަ ވާހަކަތައް ދެކެވުމަކީ ރައްޔިތުން އެކަމާއި ކަންބޮޑުވާނެ ކަމަށެވެ.

އެތައް ފަހަރެއްގެ މަތިން އެޖެންޑާ ކޮށްގެން ވެސް ރިޔާސީ ކޮމިޝަން ބިލް ފާސްފެވައި ނުވާތީވެ ގިނަ ރައްޔިތުންތަކެއް ތިބީ ''ޑިސަޕޮއިންޓް'' ވެފައި ކަމަށާއި، ގޭގެއަށް ގޮސް ޒިޔާރާތް ކުރުމުން ގިނަ ބަޔަކު އެކަމާ މެދު ކަންބޮޑުކަންފާޅު ކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.  

ޖޭޕީގެ ސްޓޭންޑާ މެދު ޑިފެންސް މިނިސްޓަރު ސުވާލު އުފައްދާފައިވާއިރު، ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ވަޒީރުން ދަނީ ޖޭޕީން ޕްރޮގްރެސިވް ކޯލިޝަނާ އެކު މަސައްކަތް ކުރަން ނިންމި ނިންމުމަށް ފާޑު ކިޔަމުންނެވެ. އަދި އެ ނިންމުމަކީ ޖޭޕީ ކައުންސިލްގެ މެދުގައި ވޯޓެއް ނަގައިގެން ކުރި ކަމެއް ނޫން ކަމަށާއި ކުރިން ނިންމި ނިންމުމެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް