އިސްރާއީލުން ހިސާރު ކޮށްފައިވާ ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކަށް އަހަރު ފުރުން ފާހަގަ ކުރުމަށް އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ގާއުކައި ޓަޔަރުގައި ރޯކޮށް އިސްރާއީލުގެ ސިފައިންނާ ދިމާލަށް އުކާފައިވާއިރު އިސްރާއީލުގެ ސިފައިން ވަނީ އަސްލު ވަޒަނާއި ކަރުނަ ގޭސް ބޭނުންކޮށްފައެވެ.
ފަލަސްތީނުގެ އޮފިޝަލުން ބުނެފައި ވަނީ މުޒާހަރާތަކުގައި މަދުވެގެން ދެ މީހުން މަރުވެފައިވާ ކަމަށެވެ.
މާޗް މަހުގެ 30 ވަަނަ ދުވަހު ފެށި ދެމިގެންދާ މުޒާހަރާތައް ގުޅިފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުން ފާހަގަކުރާ ނަކްބާ ދުވަހާއެެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ބިމުން އެ ގައުމުގެ 750،000 ރައްޔިތުން ނެރެލެވުނު ދުވަހެވެ.
އދ. އިން ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި މުޒާހަރާތަކުގައި ފަލަސްތީނުގެ 189 މީހުންނާއި އިސްރާއީލުގެ އެކަކު މަރުވެފައިވާ ކަމަށެވެ.
އދ. ގެ ތަހުގީގެއްގައި ބުނެފައި ވަނީ އިސްރާއީލުގެ ސިފައިން މި މުޒާހަރާތަކުގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އިސްރާއީލުން އެވާހަކަ ދޮގުކުރެއެވެ.