Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 00:14
އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތް ފެށުން
އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތް ފެށުން
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބު
އެމްޑީޕީން ކައުންސިލް އިންތިހާބަށް "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި
މޭލޭހެ ހުރިހާ ދާއިރާއެއްގައިވެސް ވަނީ ހަރަކާތް ކކުރިއަށް ގެންގޮސްފަ
ހަރަކާތް ފެށީ އެމްޑީޕީ ހަރުގެއިން

ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން، "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި އެވެ.

 

"ދޮރުން ދޮރަށް" ހަރަކާތް ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ އިންނެވެ. މި ހަރަކާތުގެ ދަށުން ބުދަ ދުވަހު ވަނީ، ރައްޔިތުންގެ ހުރި ކަންބޮޑވުންތައް އޮޅުންފިލުވުމަށް މާލޭގެ ހުރިހާ ދާއިރާއެއްގައިވެސް ދޮރުން ދޮރަށް ހިނގާފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، ހައްލުކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ޓީމުތަކުން ވަނީ އާންމުންނާއި މަޝްވަރާކޮށްފަ އެވެ.  

 

ހަރަކާތް ފެށުމުގެ ގޮތުން، އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓުން ކޮށްދޭނެ ކަންތައްތައް ހާމަކުރާނީ، ދޮރުން ދޮރަށް ހިނގައި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބެލުމަށްފަހުގައި ކަމަށެވެ. އަދި "ދޮރުން ދޮރަށް" ހަރަކާތަކީ އެމްޑީޕީ ކައުންސިލް އިންތިހާބަށް ކުރިއަށްގެންދާ ބޮޑު ކެމްޕޭންގެ ފެށުމެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

 

އެމްޑީޕީން ދޮރުން ދޮރަށް ހަރަކާތް ފެށުން -- ފޮޓޯ: ރާއްޖެޓީވީ

 

"އަޅުގަނޑުމެން ގިނަ ކަންތައްތައް މި ކުރަންޖެހެނީ އެނދުތަށް ދަށުގައި. އަޅުގަނޑު މި ދައްކަނީ އެންމެ ހައުސިންގ ސްކީމްގެ ވާހަކަ. މިއީ  މާލޭގެ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް. މުޅި މާލެ މި އޮތީ ތޮށްޖެހިފައި. މާލޭގައި ރަނގަޅަށް އޮތް އެއް ކަމެއްވެސް ދެއްކޭކަށް އަޅުގަނޑުމެންނަކަށް ނެތް" ހަސަން ލަތީފް ވިދާޅުވި އެވެ.

 

އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، ރައްޔިތުން މާޔޫސްވާ ކަންތައްތަކަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ވިދާޅުވީ މިއީ އެމްޑީޕީއަށް ވަރަށް ފަރިތަ ކަމެއް ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތައް އަޑުއަހާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 

"އަޅުގަނޑުމެން ރައީސް އަބްދުﷲ ޔާމީނަށް ދަންނަވަމުން މި ދަނީ، ސުލްހަވެރި ހަރަކާތް ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދެއްވާށޭ. ސިޔާސީ ބައްދަލުވުންތައް ބާއްވާން ފުރުސަތުދެއްވާށޭ. ރައްޔިތުންގެ އަދު އުފުލުމުގެ ޖާގަ ދެއްވާށޭ. އެމަނިކުފާނުގެ އިޖާބައަކަށްވީ، މާލޭގެ މަޖީދީމަގާއި އެހެނިހެން ބައެއް މަގުމަގުގެ ކާނުތައް ފުރާލާ ސިޔާސީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ދެއްވުން. އެ ފުރުސަތެއް ނޫން އަޑުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ އަޑު އެހުމުގެ ފުރުސަތު. މާލެ އެކީގައި މި އޮތީ ގޮއްވާލާފަ" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

 

ހަރަކާތް ފެށުމަށް ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ މާލޭގައި އެމްޑީޕީއަށް އަބަދުވެސް ވަރަށް ބޮޑު ތާއީދެއް އޮންނަ ކަމަށެވެ. އަދި މީގެ ކުރީގައި ބެއްވި އިންތިހާބުތަކުގެ ނަތީޖާއިން އެކަން އެނގޭނެ ކަމަށާއި، އަބަދުވެސް އެމްޑީޕީން ކާމިޔާބު ހޯދާ ކަމަށް ޝިހާބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަދިވެސް މާލޭގެ ރައްޔިތުން ތިބީ އެމްޑިޕީއާއި އެކުގައި ކަމަށެވެ.

 

ހަރަކާތުގެ ތެރެއިން "ރާއްޖެޓީވީ" އަށް ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ ބޮޑު ތާއީދެއް އަދިވެސް އެމްޑީޕީއަށް އޮބައޮތްކަމަށެވެ. އަދި އެކަން އެންމެފަހުން ބޭއްވުނު އެމްދީޕީގެ އެތެރޭގެ އިންތިހާބުތަކުން ހާމަވެގެންގޮސްފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.

 

އެމްޑީޕީގެ ހަރުގޭގައި ހަރަކާތް ފެށުމަށްފަހު، އެކި ޓީމްތައް ވަނީ މާލެގެ އެކި ސަރަހައްދުތަކަށް ބެހި، އާންމު ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އެގޮތުން ކޮންމެ ޓީމެއްގައިވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ. "ރާއްޖެޓީވީ" ވާހަކަދައްކަވަމުން މާލެގެ ދާއިރާތަކަށް ވާދަކުރައްވާ ބައެއް ކަނޑިޑޭޓުން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެންމެ މުހިންމުކަމަކީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމަށް ނިކުމެ، ރައްޔިތުންގެ ހުރި  ހޮތްވަރުދައްކާލުންކަމަށް އެ ކެނޑިޑޭޓުން ވިދާޅުވި އެވެ.

 

ރާއްޖެޓީވީން ވާހަކަދެއްކި ބެއެއް އާންމު ރައްޔިތުންވެސް ވަނީ އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. އެގޮތުން ބޯހިޔާވެހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން އާންމުން ފާހަގަކުރި އެވެ. އަދި ސަރުކާރުގެ ތެރެއިން އެކަންކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރާކަމަށްވެސް އެ މީހުން ބުނި އެވެ.

 

އެމްޑީޕީން ބުނީ ވެރިރަށް މާލޭގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށްގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް