Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 08:27
ރައީސް މައުމޫން ފާރިސްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް މައުމޫން ފާރިސްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް މައުމޫނު
ކޯލިޝަނަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނިޔާވެރިކަން އަންނާނެ: ރައީސް މައުމޫން
ކޯލިޝަންގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް މައުމޫން ވަނީ އެދި ވަޑައިގެންްފައި

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ފުރިހަމަ ޢައުލަބިއްޔަތު ނުލިބިއްޖެނަމަ ލިބުނު އަނިޔާތައް ދެން ވެސް އަނބުރާ އިޔާދަ ކުރާތަން ފެނިގެން ދާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

 ރައީސް މައުމޫނު މިފަދަ ގޮތަކަށް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މައުމޫނުގެ އިތުރުން ދަރިކަލުން ތަހައްމަލު ކުރައްވަން ޖެހިވަޑައިގަތް އަނިޔާވެރިކަން ބަޔާން ކުރައްވަމުން ރައީސް މައުމޫނު ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީން މަސައްކަތް ކުރަމުން ދަނީ ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ކަމަށާއި، ރައްޔިތުން ހޮވަން ޖެހޭނީ ކޯލިޝަންގެ ކެންޑިޑޭޓުން ކަމަށެވެ.

އަދި ހަމައެއާއި އެކު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ނޫން އެހެން ޕާޓީއެއްގެ މެމްބަރުން އިންތިހާބު ކޮށްދިނުމަކީ އެމަނިކުފާނު އެދޭ ގޮތް ނޫން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

  އޭރުގެ އަނިޔާވެރިކަން  އެއީ އަޅުގަނޑުމެން  އިތުރަށް ދެކެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެންގެ މި ކޯލިޝަންގެ ހަތަރު ޕާޓީ ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެއްޔާ އެއްކަލަ އަނިޔާ ވެރިކަން އަނބުރާ އަންނާނެ. އެއްވެސް ކުށެއް ނެތް އެތައް ބަޔަކު ޖަލަށް ދާން ޖެހޭނެ. މީހުންގެ ވަޒީފާތައް ގެއްލޭނެ. މައުމޫނު ވިދާޅުވިއެވެ.

 އޭރު ރާއްޖެ އޮތް ހާލަތަށް ދާން ދެން ބޭނުންފުޅުނުވާ ކަމަށާއި، ބޭނުންފުޅުވަނީ އެންމެންނަށް އަމާން ކަމާއި އެކު ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ގާއިމް ވެފައި އޮތުން ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.

 އެމްއާރްއެމްގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ، އެމްއާރްއެމް އަށް ތާއިދު ކުރައްވާ ހުރިހާ ފަރާތްތަކުން އެމަނިކުފާނުގެ ތާއިދާ އެކު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ ހޮއްވަވައި ދެއްވުމަށް ރައީސް މައުމޫނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މައުމޫނު ވިދާޅުވީ، އެމްއާރްއެމް އިން އިންތިހާބުވާ މެމްބަރުން ވަނީ ސަރުކާރު ހިމާޔަތް ކޮށް ސަރުކާރުގެ ހުރިހާ މަޝްރޫއުތައް ކުރިޔަށް ގެންދަން އެހީތެރިވާނެ ބައެއްގެ ގޮތުގައި ކަަމަށެވެ. އެމްއާރްއެމްގެ ކެންޑިޑޭޓަކު ނެތް ދާއިރާއެއް ނަމަ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މައުމޫނު އެދިވަޑައިގެންނެވިއެވެ.

 އެ ޖަލްސާގައި މައުމޫން ވިދާޅުވީ، ރައީސް ސޯލިހު ތާއީދު ކުރައްވާނީ ހަމައެކަނި އެއް ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ނޫން ކަމަށެވެ.

 އަޅުގަނޑަށް އެނގޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރައްވާނީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުންނަށް ނޫންކަން. އެ ވާހަކަ އަޅުގަނޑު ގާތު ވަނީ ވިދާޅުވެފައި. އަދި އެމަނިކުފާނު ކުރައްވާ ހުރިހާ ކަމަކުން އެކަން އެނގޭ. އެމަނިކުފާނަކީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން ހޮވި ވަޑައިގެންފައިވާ ރައީސް. މައުމޫން ވިދާޅުވިއެވެ.

 ރައީސް ސޯލިހު އަކީ ހަމައެކަނީ އެމްޑީޕީގެ ރައީސް ނޫން ކަމަށާއި އެމަނިކުފާނަކީ ކޯލިޝަންގެ ރައީސް ކަމަށް މައުމޫނު ވިދާޅުވިއެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް