ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 08:29
ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ ޖެމޭ
ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ ޖެމޭ
ރޮއިޓަރސް
ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ ޖެމޭ
ގެމްބިއާގެ ކުރީގެ ރައީސްއަށް 362 މިލިއަން ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތު
ވަގަށް ނެގީ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން
ޖެމޭ އުޅުއްވަނީ ހިމާޔަތް ހޯއްދަވައިގެން އިކުއިޓޯރިއަލް ގިނީގައި

އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ ޖެމޭގެ 22 އަހަރުގެ ވެރިކަމުގެ ތެރޭގައި، 362 މިލިއަން ޑޮލަރު ވަގަށް ނެގި ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު އަބޫބަކަރ ތަމްބަދޫ ވިދާޅުވެއްޖެއެވެ.

އަސްކަރީ ބަގާވާތަކަށް ފަހު 1994 ވެރިކަމަށް އައި ޔަހްޔާ ވަނީ 2017 ވަނަ އަހަރު ގެމްބިއާއިން ފިއްލެވުމަށް ފަހު އަވަށްޓެރި އިކުއިޓޯރިއަލް ގިނީއިން ހިމާޔަތް ހޯދާފައެވެ. ޔަހްޔާ ފިއްލެވީ، 2017ވަނަ އަހަރުގެ އިންތިހާބުން ކުރިމަތިވި ނާކާމިޔާބީ ގަބޫލުނުކޮށް، އެ ގައުމުގެ ރައީސް ކަމުގައި މިހާރު ހުންނެވި އަދަމާ ބަރޯއާއި ވެރިކަން ހަވާލުކުރައްވަން ދެކޮޅު ހެއްދެވުމާއި ގުޅިގެން އެފްރިކާގެ ގުޅިފައިވާ އިއްތިހާދުގެ ލަޝްކަރުތައް ވެރިރަށް ބަންޖުލް ވަށާލުމާއި ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ތަމްބަދޫ ވަނީ ރައީސް އުފެއްދެވި ކޮމިޝަން އޮފް އިންކުއަރީން ތައްޔާރުކުރި ރިޕޯޓުގެ ޙުލާސާއެއް ދެއްވާފައެވެ. އެ ރިޕޯޓަކީ 253 ހެކިވެރިން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓެކެވެ.

ތަމްބަދޫ ވިދާޅުވީ އެ ގައުމުގެ އާއްމުންގެ އެތައް ބަޔަކަށް އަސާސީ ހިދުމަތް ފުރިހަމައަށް ފޯރުކޮށްދެވޭނެހާ ފައިސާ، ޔަހްޔާ ބޭނުން ކުރީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ކުރެއްވުމަށް ކަމަށެވެ. އެގޮތުން ޔަހްޔާގެ ނަމުގައި އެ ގައުމުގައި އެކަނި ވެސް 281 ބިން އެބަހުރި ކަމަށް ތަމްބަދޫ ވިދާޅުވިއެވެ. ޔަހްޔާގެ އުފަން އަވަށް ކަނިލާއީގައި އެމަނިކުފާނުގެ ނަމުގައި ހުރި އެއް ގޭގޭ އަގަކީ 28.2 މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގައުމުން ބޭރުގައި ވެސް ޔަހްޔާގެ ނަމުގައި މުދާ ގަންނަން އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށް ތަމްބަދޫ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމެރިކާގައި ހުރި ގެޔެއް ވެސް ހިމެނެއެވެ. އަދި އަގުބޮޑު ކާރާއި އެހެނިހެން މުދާ ގަންނަން އެ ފައިސާ ޔަހްޔާ ބޭނުން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަހްޔާ މިތަނުން ބައެއް ކާރުތަކާއި މުދާ، ފިއްލެވި އިރު ގައުމުން ބޭރަށް ގެންދިޔަ ކަމަށް ސަރުކާރުން ތުހުމަތުކުރާ އިރު، ގައުމުގައި ހުރި މުދާތަކުގެ ތެރެއިން ބައެއް ސަރުކާރުން ވަނީ ވިއްކާލާފައެވެ. އޭގެ ތެރޭގައި ރޯލްސް ރޮއިސް ކާރާއި މަތިންދާބޯޓު ވެސް ހިމެނެއެވެ.

ޔަހްޔާ ފައިސާތައް ނަގާފައި ވަނީ ސަރުކާރުގެ މުއާސަލާތީ ކުންފުނިންނާއި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ޔަހްޔާގެ ކޮރަޕްޝަންގެ މައްސަލަތައް ފަސް ޖެހުމެއް ނެތި ތަހުގީގު ކުރައްވާނެ ކަމަށް ރައީސް ބަރީ ވަނީ ވިދާޅުވެފައެވެ.

ޔަހްޔާގެ ވެރިކަމުގައި ކޮރަޕްޝަނާއި މީހުން މެރުން އިންތިހާއަށް ބޮއްސުން ލައިގެން ދިޔަ އިރު، އެ ގައުމުގެ ޖުމުލަ ދަރަނި ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައަށް އަރާފައެވެ. ދަރަނީގެ މައްސަލައާއި ގުޅިގެން އައިއެމްއެފުން ވަނީ ދަރަންޏަށް އިތުރު ފައިސާއެއް ނުނެގުމަށް ގެމްބިއާއަށް އިލްތިމާސް ކޮށްފައެވެ.

- ކޮމެންޓް