Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 23:36
ދަރުބާރުގޭގައި ބޭއްވި ހަފްލާއަށް ރައީސް ވަޑައިގެންނެވުމުން އެމްސީ ހަމީދު މަރުހަބާ ދަންނަވަނި
ދަރުބާރުގޭގައި ބޭއްވި ހަފްލާއަށް ރައީސް ވަޑައިގެންނެވުމުން އެމްސީ ހަމީދު މަރުހަބާ ދަންނަވަނި
ޕޮލިސް
ރައީސް ސޯލިހު
އެންމެ ބޮޑު އިންވެސްޓެއް ކުރަނީ ފުލުހުންނަށް، ނަތީޖާ ފެންނަން ވާނެ: ރައީސް
ހެޔޮ ބަދަލެއް އައި މުއައްސަސާއަކީ ފުލުހުން ކަމަށް ވިދާޅުވި

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންވެސްޓެއް ކުރާ އެއް ބަޔަކީ ފުލުހުންނަށް ކަމަށާއި ފުލުހުންނަށް ކުރާ ހަރަދުގެ ނަތީޖާ ފެންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ފުލުހުންގެ ފަރާތުން ފެންނަން ނަތީޖާއަކީ ހަމަޖެހިގެން އުޅެވޭނެ އަމާން މާހައުލެއް ގާއިމުވުން ކަމަށެވެ. ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ ތަސައްވުރު ކުރިން އޮތީ ވަރަށް ބިރުވެރި ސިފައެއްގައި ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އާ ސަރުކާރުން ފުލުހުންގެ ހިދުމަތަށް ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

"ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަން އަޅުގަނޑު ވެސް ގަބޫލު ކުރަން. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންވެސްޓެއް ކުރާ އެއް ބަޔަކީ ފުލުހުން. އެހެންވީމަ ފުލުހުންގެ ފަރާތުން ނަތީޖާ ފެންނަންވާނެ. އެއީ ހަމަޖެހިގެން އުޅެވޭނެ އަމާން މާހައުލެއް ގާއިމުވުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި ކޮރަޕްޝަންގެ އަމަލު ހިންގުމާއި ގާނޫނީ އިމުގެ ބޭރުން ފުލުހުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ކަންތައްތައް ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ފުލުހުންނަށް ކުރާ އިހްތިރާމު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ފުލުހުން ދައްކަމުންދާ ޕްރޮފެޝަނަލިޒަމާއި ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ސަބަބުން ގެއްލިފައިވާ އިތުބާރު ލިބެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އާ ސަރުކާރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި އެންމެ ހެޔޮ ބަދަލެއް އައިސް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ.

ގައުމެއްގެ ދާހިލީ ހަމަޖެހުން ދެމި އޮންނާނީ އެ ގައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ކަމަށް ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދޭ ބަޔަކަށް ފުލުހުން ހެދުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ވެރިކަން ކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާ އެކު އަމަންއަމާންކަން ގާއިމު ކުރުމުގެ ފުރިހަމަ އިހްތިޔާރު ފުލުހުންނަށް ދީގެން. މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަމުގެ ޔަގީންކަން ތިޔަ ހުރިހާ ފުލުހުންނަށާއި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ފުލުހެއްގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ދައްކައި ދިނުމަށް އެދިވަޑައިގެން، ރައީސް ވިދާޅުވީ ފުލުހުންނަށް އިހްތިރާމާއި ލޯބި އުފެދެން ފަށާނީ ފުލުހަކު ފެނުމުން އަމާންކަމާއި ބިރެއް ނެތް ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުމުން ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތަށް މަސައްކަތް ކުރެއްވި ފުލުހުންގެ އަގުވަޒަން ކުރައްވައި، ހަނދާނީ ފިލާ ދެއްވާފައެވެ. އަދި ފުލުހުންގެ ބައެއް އޮފިސަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް