Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 12:41
ޖިންސީ ގޯނާ ކުރުން ހުއްޓުމަށް ގޮވާލާ ޕޯސްޓަރެއް
ޖިންސީ ގޯނާ ކުރުން ހުއްޓުމަށް ގޮވާލާ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
ޖިންސީ ކުށް
ޖިންސީ ކުށްކުރާ މީހުންގެ ދަފްތަރުގެ ޤަވާއިދު އެކުލަވާލައިފި
18 އަހަރު ނުވާނަމަ ދަފްތަރުގައި ނުހިމަނާނެ

ޖިންސީ ކުށްކުރާ މީހުންގެ ދަފްތަރުގެ ޤަވާއިދެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެކުލަވާލައިފިއެވެ. 

ބުރާސްފަތި ދުވަހު އެ އޮތޯރިޓީން އާންމުކުރި ޤަވާއިދުގައި ބުނެފައިވަނީ، ޖިންސީ ކުށްކުރާ މީހުންގެ ދަފްތަރުގައި ހިމެނެނީ ޖިންސީ ކުށުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެފައިވާ މީހުންގެ މައުލޫމާތު ކަމަށާއި، އޭގެ ތެރޭގައި ރޭޕް ކުރުމާއި، ޖިންސީ އަނިޔާ ކުރުން ފަދަ 21 ކުށެއް ހިމެނޭ ކަމަށެވެ. އެގޮތުން އެފަދަ ކުށެއް ސާބިތުވެފައިވާނަމަ އެމީހެއްގެ ފުރިހަމަ ނަމާއި، އާންމު ނަމާއި، އުފަން ތާރީހާއި ރަށް އަދި ދާއިމީ އެޑްރެސްއާއި، ހަށިގަނޑުގެ ސިފަތައް ދަފްތަރުގައި ބަަޔާންކުރާނެ ކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ. 

ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ، ޖިންސީ ކުށުގެ ޤާނޫނުގައި ހިމެނޭ ކުށެއް ސާބިތުވި ނަމަވެސް، ކުށް ސާބިތުވީ 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ނަމަ އޭނާގެ މައުލޫމާތު ދަފްތަރުގައި އާންމު ނުކުރާނެ ކަމަށެވެ. 

އޭގެ އިތުރުން، ސާބިތުވާ ކުށުގެ ތަފްސީލީ މައުލޫމާތު ދަފްތަރުގައި ހިމެނުމަށް ލާޒިމުކޮށްފައިވާއިރު، އެފަދަ ކުށެއް ސާބިތުވެފައިވާ މީހަކު އިސްތިއުނާފު ކޮށްގެން އެމީހަކު ކުށުން ބަރީއަވެއްޖެކަމަށް ކޯޓުން ހުކުމް ކޮށްފިނަމަ، ދަފްތަރުން އޭނާގެ ނަން އުނި ކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

ޖިންސީ ކުށްކުރާ މީހުންގެ ދަފްތަރުގެ ޤަވާއިދެއް އެކުލަވާލާފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖިންސީ ފުރައްސާރަ ކުރުމުގެ 93 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް