Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 12:26
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ޗުއްޓީ
ފުލުހުންނާއި، ކަސްޓަމްސްގެ މުވައްޒިފުންނަށްވެސް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭނެ!
ޗުއްޓީދޭ އުސޫލަށް ބަދަލުގެނައި، ސަރުކާރުގެ ސިޔާސަތާއި އެއްގޮތްކުރުމަށް

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ވާގޮތުގެ މަތިން ފުލުހުނާއި، ކަސްޓަމްސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ އާއި ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދޭން ނިންމައިފިއެވެ.

ފުލުހުންގެ މުއައްސަސާއިން ބުނީ، އެ އިދާރާގެ މުވައްޒިފުންނަށް ޗުއްޓީދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމީ، 2019 މާރިޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި "ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ބެހޭ ޤަވާއިދަށް" ގެނައި އިސްލާހު ފާސްކޮށް، އެކަން މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ދެންނެވުމުން، އެ އިސްލާހާ އެއްގޮތަށް ޗުއްޓީ ދިނުމަށް ނިންމެވުމާއި ގުޅިގެން ކަމަށެވެ. އަދި މި ނިންމެވުމާއި ގުޅިގެން އެގޮތުގެ މަތިން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ކަނޑައަޅައި އެކަން ވަނީ ބުރާސްފަތި ދުވަހުން މުވައްޒަފުންނަށް އިޢުލާނުކޮށްފައިކަމަށް ފުލުހުން ބުންޏެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާރވިސުން ބުނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނިގެން އެ ބަދަލު މިހާރު ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާއިދަށް ގެނެވިފައިވާއިރު، ޤަވާއިދަށް ގެނެވުނު އިސްލާޙު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރެވިފައިކަމަށެވެ. 

ސަރުކާރުގެ ގިނަ ކުންފުނިތަކުންވެސް ވަނީ ޗުއްޓީގެ އުސޫލަށް ބަދަލު ގެނެސްފަ އެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުންވެސް އެ ބަދަލު ގެނެސްފައިވެއެވެ. 

ސަރުކާރުގެ ފުރަތަމަ 90 ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ ވައުދަކީ ވިހެއުމުންދޭ ޗުއްޓީ 6 މަސް ދުވަހަށް އިތުރުކުރަން ނިންމި ވައުދުކަމަށެވެ. އަދި އެއީ، ސަރުކާރުން ކުރި ވަރަށް މުހިއްމު، އަދި ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި މުޅި ޤައުމު ބަލައިގެންފިކަމެއް ކަމަށާއި، އޭގެ އެއް ހެތްކަކީ،  އެ ނިންމުން ނަމޫނާއަކަށް ބަލައިގެން، ޖުޑިޝަރީންވެސް އެގޮތަށް ނިންމުންކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރުން ބައެއް ކުންފުނިތަކާއި، ބައެއް މިނިވަން މުއައްސަސާތަކުންވެސް، އެގޮތަށް ޗުއްޓީ ދޭން މިހާރު ނިންމައިފައިކަން ރައީސް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި، ޖުމްލަ 160 ވަޢުދެއް ހިމެނޭ. އޭގެތެރެއިން މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ވަނީ 83 ޕަސެންޓް ވަޢުދު ފުއްދިފައި. ދެން ހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރެވެމުން."

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް