ބިމުގެ ދަތިކަން ހައްލު ކުރުމަށް 17 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.
މިނިސްޓރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާރވޭ އާއި، ޑިޒައިން ކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ތައްޔާރު ކުރާނެ ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން މި މަސައްކަތާއި ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުކުވުން އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގައި ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި މި މަސައްކަތާއި ބެހޭ ފައިނޭންޝަލް، ޓެކްނިކަލް ޕްރޮޕޯޒަލް ބިޑް ހުޅުވުން އޮންނާނި 07 އޭޕްރީލް ވާ އާދިއްތަ ދުވަހު 11:00 ގަ މިނިސްޓްރީގައި ކަމަށްވެސް އެމިންސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރައްތަކަކީ:
ހއ. އިހަވަންދޫ، ހއ. ތުރާކުނު، ރ. އަލިފުށި (10 ހެކްޓަރުގެ ބިން)، ރ. ދުވާފަރު، ކ. ގުޅި، ކ. ގުރައިދޫ، ކ. މާފުށި، އއ. ބޮޑުފުޅަދޫ، އއ އުކުޅަސް، ފ. މަގޫދޫ، ފ. ފީއަލީ، ދ. މާއެނބޫދޫ، ތ. ހިރިލަންދޫ، ލ. މާވައް، ގއ. ދާންދޫ، ގދ. މަޑަވެލީގެ އިތުރުން ސ. މަރަދޫ، އަދި މަރަދޫ ފޭދޫ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ރަށްރަށް ދިމާވެފަިއވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުން ހިމެނެ އެވެ. އަދި އެމަނިކުފާނު ވަނީ ބިން ނެތް ރަށްރަށުގެ ބިން ހިއްކައި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވެހިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.