ޓޯޗަރއަާއި ދެކޮޅަށް މަސައްކަތް ކުރާ ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ އަލުން އެކުލަވާލާ، އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ބާއްވައިފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގައި މަސައްކަތް ކުރާ 16 ދާއިރާގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފިއެވެ. ކޮމިޓީގައި ހިމެނެނީ މިނިސްޓްރީ އޮފް ހޯމް އެފެެއާޒް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، މޯލްޑިވްސް އިމިގްރޭޝަން، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކޮންމެ ތަނެއްގެ ފަރާތުން އެއް ބޭފުޅެކެވެ.
މިކޮމިޓީގެ ބޭނުމަކީ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އަދި އެމުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގެ ދަށުން ދިވެހިރާއްޖެއަށް ކުރުން ލާޒިމްވާ ކަންތައްތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމެވެ. އަދި ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރއިން ދިވެހިރާއްޖެއަށް ކުރާ ޒިޔާރަތްތަކުގައި ހުށަހަޅާ ކަންތައްތައް ތަންފީޛުކުރެވޭ މިންވަރާއި، ގޮންޖެހުންތައް ދެނެގަތުމެވެ. ކޮމިޓީއަށް ހުށައަޅަންޖެހޭ ރިޕޯރޓްތައް ޤަވާއިދުން ހުށައެޅުމަކީވެސް ކޮމިޓީގެ މަސައްކަތެކެވެ. ހުށަހަޅާ ރިޕޯރޓްތަކުގެ ރިވިއުއަށް ފަހު ހުށައަޅާ ހުށައެޅުންތައް ތަންފީޛުކުރެވޭ މިންވަރު ވެސް ކޮމިޓީން ބަލާނެއެވެ.
މި ކޮމިޓީއަކީ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ (ކެޓް) އަދި އެކޮންވެންޝަންގެ އޮޕްޝަނަލް ޕްރޮޓޮކޯލް (އެޕްކެޓް)ގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމް ކަންތައްތައް ޤައުމީ ފެންވަރެއްގައި ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ. 2016 ވަނަ އަހަރު އެކުލަވާލެއްވި ކޮމިޓީގެ މަސައްކަތް ހުއްޓިފައި އޮއްވާ ރައީސް ސޯލިހު އަލުން ކޮމިޓީ އެކުލަވާލައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.